ކޮވިޑް19ގެ ހާލަތުގައިވެސް ޕީއެސްއައިޕީ ޕްރޮޖެކްޓުތައް ކުރިއަށް ގެންދާނެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ.
މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، ސަރުކާރުގެ ޕީއެސްއައިޕީ ރޭވިފައިވާ ގޮތަށް ކުރިއަށް ގެންދާނެ ކަމަށާއި، ޕީއެސްއައިޕީގެ ތެރެއިން މިއަހަރު 10.4 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އޭގެތެރެއިން ފޮރިން ފައިނޭންސް ޕްރޮޖެކްޓު ތަކުގެ މަސައްކަތް ހަލުވިކޮށް ދިވެހި ކޮންޓެރެކްޓަރުން ނަށް ހަވާލުކޮށް، ވިޔަފާރިތަކަށް ލިބެން ހުރި އާމްދަނީވެސް ވީހާވެސް އަވަހަކަށް ލިބޭނެ މަގު ފަހިކޮށްދީ، އިގްތިސާދުގައި ދައުރުވާ ފައިސާގެ މިންވަރު އިތުރުކުރުމަށް ފިޔަވަޅުތައް އެޅޭނެ ކަމަށެވެ.
" ސަރުކާރުގެ ޕީއެސްއައިޕީ ރޭވިފައިވަ ގޮތަށް ކުރިއަށް ގެންދާނެ. ޕީއެސްއައިޕީގެ ތެރެއިން މިއަހަރު 10.4 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ހިންގުމަށްވަނީ ހަމަޖެހިފަ" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
ޕީއެސްއައިޕީގެ ގިނަ މަޝްރޫއުތަށް ދިވެހި ކޮންޓްރެކްޓަރުން އިސްކަން ދެވޭނެ ގޮތަކަށް ބައްޓަން ކުރަމުންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި އޭގެ އިތުރުން ކޮވިޑް19 އާއި ގުޅިގެން ބޭރުގެ އެހީ ދޭ ފަރާތްތަކާއި މިހާރު މަޝްވަރާ ކުރަމުންދާ ކަމަށާއި، ބޭރުގެ ބައިލޭޓްރަލް އަދި މަލްޓިލޭޓަރަލް ފަރާތްތަށް ސަރުކާރުގެ ފައިނޭންސިންގް ގެޕް ހަމަޖެއްސުމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިފަރާތްތަކުން ޕްރައިވެޓް ސެކްޓަރަށްވެސް އިތުރު ޓްރޭޑް ފެސިލިޓީ އަދި އެހެނިހެން އެހީވެދޭނެ އިންތިޒާމުތައް ބަލަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ލޮޅުން އަރަމުން ދާތީ ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖެއް ތައާރަފް ކޮށްފައެވެ. އޭގެތެރޭގައި ހިމެނޭ އެއް ކަމަކީ ވިޔަފާރިތަކަށް ވޯކިން ކެޕިޓަލްތައް ހޯދޭނެ ފެސިލިޓީތަކެއް ބައެއް ބޭންކުތައް މެދުވެރިކޮށް ފޯރުކޮށްދިނުމެވެ. އޭގެ އިތުރުން ކުރިއަށް އޮތް ދެ މަހުގެ ކަރަންޓު އަދި ފެން ބިލް ސަބްސިޑައިޒް ކުރުމުގެ އިތުރަށް، ބީއެމްއެލްގެ ލޯންތައް ދެއްކުން ހަ މަސް ދުވަހަށް ފަސްކުރުމަށް ވަނީ ނިންމާފައެވެ.