ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަހާ ގުޅިގެން 150 ހެއްހާ ފުލުހުން ތަމްރީން ކުރެވިފައި ވާކަމަށް ފުލުހުން ބުނެފިއެވެ.
ކޯވިޑް-19 އާ ގުޅިގެން މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން ފުުލުހުން ކުރާ މަސައްކަތްތަކުގެ މައުލޫމާތު "ދަ ޕްރެސް"އާ ހިއްސާކުރަމުން ފުލުހުން ބުނީ 150 އެއްހާ ފުލުހުން ތަމްރީން ކުރެވިފައިވާ ކަމަށާއި އަދިވެސް އިތުރަށް ފުލުހުން ތަމްރީން ކުރަމުން ގެންދާ ކަމަށެވެ.
އެގޮތުން އެ ތަމްރީން ތަކުގައި "ޕްރޮޓެކްޓިވް ގިއާ" އެޅުމުގެ މަސައްކަތާއި މީހަކު ތަނަކުން ނެރެން ޖެހިއްޖެ ނަމަ އެފަދަ ހާލަތަކަށް ރައްޔާރުވުމާއި އައިސޮލޭޝަން ފެސިލިޓީއަކުން މީހަކު ނަގަން ޖެހިއްޖެ ހާލަތެއްގައި އެކަމަށް ކުރެވިދާނެ ކަންތަައްތަކުގެ ތަމްރީން ދިނުން ހިމެނޭ ކަމަށެވެ. އަދި ކޮވިޑް-19 އަށް ޕޮސިޓިވް ވެފައިވާ މީހެއް ނުވަތަ ޝައްކުވާ މީހަކު އެއްތަނުން އަނެއް ތަނަށް ގެންދިއުމަށްޓަކައި ކުރަންޖެހޭ މަސައްކަތްވެސް ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ތަމްރީން ކުރުމުގެ މަސައްކަތް ކުރަމުން ދާއިރު، ކޮވިޑް-19އާ ގުޅިގެން ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅިގެން މީޑިއާއަށް މައުލޫމާތު ދިނުމަށް ބާއްވާ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ރިޔާޒް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންގެންދާ އެންމެ ބޮޑު މައްސަލައަކީ ރާއްޖޭގައި ކޮވިޑް-19 އެންމެ ފުރަތަމަ ޕޮޒިޓިވްވި ޅ. ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރަމުންދާ ދެ ބިދޭސީ މުވައްޒަފައް ވައިރަސް ޖެހިފައިވަނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ޓޫރިސްޓެއްގެ ފަރާތުން ކަމަށް ވާއިރު، އެކަމާ ގުޅިގެން ބަޔަކު އިހުމާލުވި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބަލަމުންދާ މައްސަލައިގެ ތެރޭގައި ސައުތު ކޮރެއާއިން ރާއްޖެ އައި ފަހުން ކޮވިޑް-19ގެ އަލާމާތްތައް ފެނުނު މީހާ ކަރަންޓީނު ވުމަށް ފަރުކޮޅުފުއްޓަށް ދާން އެއްބާރުލުން ނުދީ، ހުރަސްއެޅި މައްސަލައެއް، ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާއިރު، ކޮވިޑް-19 އާ ގުޅިގެން ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް އެރުން މަނާކޮށްފައިވާ ދަނޑިވަޅެއްގައި، އައްޑޫ ސިޓީގެ ސައުތް ޕާމް ރިސޯޓްގެ މުވައްޒަފަކު ފަތާފައި އައްޑޫގެ މީދޫއަށް އެރި މައްސަލަ އެއްވެސް ފުލުހުން ދަނީ ބަލަމުންނެވެ.