ޝެވަލް ބްލޮންކް ރަންދެލި ރިސޯޓުން ޝައްކު ކުރެވޭ މީހަކު ފެނިގެން ޓެސްޓުކުރުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުސޫލުގެ ދަށުން، ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ޝެވަލް ބްލޮންކް ރަންދެލިން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެޗްޕީއޭން ބުނީ، ޝައްކު ކުރެވޭ މީހާގެ ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓު މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާ ކަމަށެވެ.

މުޅި ރާއްޖެއިން ވެސް ކޮވިޑް19 އަށް 13 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެ ހުރިހާ މީހުންނަކީ ވެސް ބިދޭސީންނެވެ. އޭގެތެރެއިން ބައެއް މީހުންނަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނެވެ. އަދި ބައެއް މީހުންނަކީ ޗުއްޓީ ހޭދަ ކުރުމަށް ރާއްޖެ އައިސްފައިވާ ފަތުރުވެރިންނެވެ.

އެއީ ކުރެއްދޫން 5 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 2 ބިދޭސީއަކާއި ސަފާރީއަކުން 2 ބިދޭސީއެކެވެ. މިހާތަނަށް ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.

ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އިޓަލީގެ 9 މީހަކާއި، ތުރުކީގެ މީހަކާ، ސައުތް އެފްރިކާގެ މީހެއްގެ އިތުރުން ޖަރުމަނުގެ މީހަކާއި އިންގްލޭންޑް މީހެކެވެ. އެންމެ ފަހުން މި ބައްޔަށް ޓެސްޓު ކުރި ދެ ދިވެހިންގެ ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ.

ރާއްޖޭގައި ކޮވިޑް19 ފެތުރިފައިވާތީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން 30 ދުވަހުގެ ނިޔަލަށް ސަރުކާރުން ވަނީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާން ކޮށްފައެވެ.