ބޭނުމެއް ނެތި ބޭރުތެރޭގައި ނޫޅުމަށާއި، އެ ގޮތަށް ބޭރުތެރޭގައި އުޅޭނަމަ، ނަސޭހަތްދީ ގެއަށް ފޮނުވާލާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ފުލުހުންގެ ފަރާތުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ މިވަގުތު ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދެވޭނީ ވީހާވެސް ގިނަ ބަޔަކު ގޭގައި މަޑުކޮށްގެން ކަމަށެވެ.

ސަރުކާރާއި އެ ނޫން ވެސް ތަންތަނުގައި ޒަރޫރީ ބޭނުމަށް ކުރާ ދަތުރުފަތުރަށް ފުލުހުން ހުރަސް ނާޅާނެ ކަމަށް ބުނެފައިވާއިރު، ގިނަ ވަގުތު ބޭރުގައި ނޫޅުމަށާއި މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އެޗްޕީއޭއިން ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.

ޒަރޫރީ ބޭނުމަށް ފިޔަވައި އެހެން ކަންކަމުގައި ބޭރަށް ނުނިކުތުމަށް ފުލުހުންނާއި އެޗްޕީއޭ އިން އިލްތިމާސްކޮށްފައި ވާއިރު މާލެ "ލޮކްޑައުން" ކުރަން އުޅޭ ކަމުގެ އަޑުތައް ވަރަށް ބޮޑަށް ފެތުރިގެން ދިޔައެވެ. ނަމަވެސް މާލޭގެ ފިހާރަތައް ބަންދުކޮށް މުޅި މާލެ ކޮލްޑައުން ކުރާ ކަމަށް ދެކެވޭ ވާހަކަތައް ސަރުކާރުން ވަނީ ދޮގުކޮށްފައިވާއިރު، ރާއްޖޭގައި އެފަދަ ފިޔަވަޅެއް އެޅުމުގެ ވިސްނުމެއް އަދި ނެތް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ސަރުކާރުން ބުނެފައި ވަނީ މާލެ ލޮކްޑައުންކޮށް، މާލޭގައި އާންމު ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ވިއްކާ ފިހާރައް ބަންދުކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށާއި ނަމަވެސް އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އަމަލު ކުރާނެ ގޮތަކާއިމެދު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

މާލޭގެ މަގުމަތީގައި އުޅޭ މީހުން ގޭގައި މަޑުކުރަން ފުލުހުން އަންގަން ފަށާފައިވާއިރު، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްވަންދެން ސަރުކާރުގެ އިދާރާއެއްގެ އެއްވެސް މުވައްޒަފަކު ޒަރޫރީ ބޭނުމެއްގައި ފިޔަވައި ގެއިން ބޭރަށް ނުނިކުތުމަށް ރައީސް އޮފީހުން އިއްޔެ ވަނީ އަންގައިފައެވެ.