ކުރެއްދޫ އަައިލެންޑް ރިސޯޓަށް އައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އިޓަލީ ފަތުރުވެރިޔާ އެއާޕޯޓް ތެރެއަށް 2 ފަހަރު ވެއްޓުނު ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނީ މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ފުލުހުން ބުނީ، އިޓަލީ ފަތުރުވެރިޔާ ފުރަން އެއާޕޯޓަށް ގޮސް ހުއްޓާ، އެއާޕޯޓް ތެރެއަށް ވެއްޓުނު ކަމާށާއި، އޭނާ އަނބުރާ ކޮޅަށް ޖަހާފައި ވަނިކޮށް، އަނެއްކާވެސް ވެއްޓުނު ކަމަށެވެ. އަދި އޭނާ ފުރަތަމަ ފުރަން ދިޔަ ދުވަހު އޭނާ ފްލައިޓަށް ނޭރުވީ އޭނާ ހުން އައިސްގެން ހުރުމުން ޕައިލެޓް އެކަމަށް އިއުތިރާޒް ކުރުމުން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، ފަތުރުވެރިޔާ ދެފަހަރަށް ވެއްޓުނީ މާޗް 1 ވަނަ ދުވަހު ފުރަންގޮސް، އެއާޕޯޓުގެ ޗެކިން ކައުންޓަރުގައި ހުއްޓާ ކަމަށެވެ. އަދި އެއަށްފަހު ވީލްޗެއާއެއްގައި ފަތުރުވެރިޔާ ފްލައިޓަށް އެރުވި ކަމަށާއި، ނަމަވެސް އޭނާ ގޮވައިގެން ދަތުރުކުރުމަށް ޕައިލެޓް އިއުތިރާޒް ވުމުން، ފްލައިޓުން ބާލައިގެން އޭނާ އެއާޕޯޓްގެ ހެލްތް ކްލިނިކަށް ގެންދިޔަ ކަމަށް ފުލުހުން ބުނެއެވެ.

އަދި އެއާޕޯޓުން ޑޮކްޓަރު ބެލުމަށްފަހު ފަތުރުވެރިޔާގެ ކިބައިން ހުމުގެ އަސަރެއް ނުވަތަ ކޮވިޑް-19 އަށް ޝައްކުވާ އަލަމާތްތަކެއް ފެންނަން ނެތުމުން އިތުރު ޓެސްޓުތަކެއް ހެއްދުމަށް އަންގާފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. އެ ފަތުރުވެރިޔާއަކީ އިނގިރޭސިން މުއާމަލާތް ކުރުމަށް ނުދަންނަ މީހަކަށް ވުމާއެކު އޭނާއާ މުއާމަލާތް ކުރުމަށް ދަތިތަކެއް އެތަނުގައި ތިބި މީހުންނަށް ކުރިމަތި ކަމަށް ފުލުހުން ބުނެއެވެެ.

ފުލުހުން ބުނީ، ފަތުރުވެރިޔާ މާލެ ގެނެސް، މާގިރި ހޮޓެލްގައި ބެހެއްޓުމަށްފަހު ޖެހިގެން އައި ދުވަހު ފުރުވާލާފައިވާ ކަމަށެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި، އިޓަލީ ފަތުރުވެރިޔާ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ހުރުމުގެ ސަބަބުން، އޭނާއާ ކޮންޓެކްޓްވި 5 މީހަކު ވަނީ މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި މީގެ އިތުރުން ވެސް މި ބައްޔަށް ޕޮޒިޓިވްވެފައިވާ 8 މީހަކު ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުން ފެނިފައެވެ.