ކުރެއްދޫ އައިލެންޑް ރިސޯޓުގައި ކޮވިޑް-19 އަށް ޝައްކުކުރެވޭ މީހަކު ހުރިކަމެއް އެޗްޕީއޭއަށް ނޭނގޭ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނީ މިހާރު ދަރުބާރުގޭގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ފުލުހުން ބުނީ، މިހާތަނަށް ތަހުގީގަށް ހާމަވެފައިވާ ގޮތުގައި، އިޓަލީ ފަތުރުވެރިޔާ ރާއްޖެއައީ މިދިޔަ ފެބްރުއަރީ މަހު 23 ވަނަ ދުވަހު ކަމަށާއި، އެ ފަތުރުވެރިޔާ ފުރަތަމަ ބަލިވެގެން ޑޮކްޓަރަށް ދައްކާފައި ވަނީ ފެބަރުއަރީ 26 ވަަނަ ދުވަހު ކަމަށެވެ. ފުލުހުން ބުނީ، އިޓަލީ ފަތުރުވެރިޔާއަކީ މެޑިކަލް ހިސްޓްރީއެއް އޮތް ފަތުރުވެރިޔަކަށް ވުމާއިއެކު، ކުޑަކޮށް ހުން އައިސްގެން ޑޮކްޓަރަށް ދެއްކުމުން ކުރިން ވެސް ބޭނުންކުރި ބޭސްތައް ބޭނުން ކުރުމަށް ޑޮކްޓަރުން އިރުޝާދު ދީފައިވާ ކަމަށެވެ.

ފުލުހުން ބުނީ، އެދުވަހުގެ މެންދުރުގެ ވަގުތެއްގައި ރިސޯޓުގެ ރެސްޓޯރެންޓް ތެރެއަށް އަނބުރައިގަނެގެން ވެއްޓިގެން އަނެއްކާވެސް ކްލިނިކަށް ގެންދެވުނު ކަމަށެވެ. އަދި ކްލިނިކްގައި ބާއްވައިގެން އެދުވަހު ހަވީރާ ހަމައަށް ފަތުރުވެރިޔާއަށް ފަރުވާ ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެދުވަހު ހަވީރު ފަތުރުވެރިޔާގެ ހާލު ރަނގަޅުވުމުން، އޭނާ ރޫމަށް ބަދަލުކޮށް، ރޫމަށް ސާވިސް ފޯރުކޮށްދީގެން ފަތުރުވެރިޔާ ހުރީ ރޫމުގައި ކަމަށް ފުލުހުން ބުނެއެވެ.

ޖެހިގައި އައި ދުވަހުވެސް ފަތުރުވެރިޔާ ކުރެއްދޫ ރިސޯޓުގެ ކްލިނިކަށް ޑޮކްޓަރަށް ދެއްކުމަށް ދިޔަ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ، 27 ވަނަ ދުވަހު ފަތުރުވެރިޔާ ޑޮކްޓަރަށް ދެއްކީ ކަރުތެރެއަށް އުނދަގޫ ވާތީ ކަމަށެވެ. ފުލުހުން ބުނީ، އެ ދުވަހު ޑޮކްޓަރު ވަނީ ފަތުރުވެރިޔާއަށް ދިމާވެގެން އުޅެނީ ކޮންކަމެއްތޯ ބެލުމަށް އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ ކަމަށެވެ. ނަމަވެސް އެކަމަށް ފަތުރުވެރިޔާ އިންކާރު ކުރި ކަމަށް ފުލުހުން ބުނެއެވެ.

އިޓަލީ ފަތުރުވެރިޔާގެ މައްސަލަ އެޗްޕީއޭއަށް ރިޕޯޓްކޮށްފައި ނުވަނީ، އެވަގުތަށް ފަތުރުވެރިޔާ ހުރީ ހަމައެކަނި ހުންއައިސްފައި ކަމަށް ވުމާއެކު، އެިތުރު ފަތުރުވެރިންގެ ފަރަތުން ވެސް ހުމުގެ އަލާމާތްތައް ފެންނަން ހުރުމުން ކަމަށެވެ. އަދި އެ ފަތުރުވެރިޔާގެ މައްސަލަ ރިޕޯޓް ކުރަނަމަ، އެހެން ފަތުރުވެރިންގެ މައްސަލަަވެސް ރިޕޯޓް ކުރަން ޖެހޭނެ ކަމަށާއި، އޭރު އާންމުކޮށްފައިވާ ކްރައިޓީރިއާއަށް ފަތުރުވެރިޔާގެ ބަލިހާލަތު ނުފެތޭތީ ރިސޯޓުގެ މެނޭޖްމަންޓުން އެޗްޕީއޭއަށް އަންގާފައިނުވާ ކަމަށް ފުުލުހުން ބުނެއެވެ.

ނަމަވެސް މިކަމާ މެދު ޑޮކްޓަރުގެ ކަންބޮޑުވުންތަކެއް ހުރި ކަމަށް ފުލުހުން ބުނެއެވެ. އަދި އެ ދުވަހު މެންދުރު އެޗްޕީއޭގެ ހޮޓްލައިނަށް ޑޮކްތަރު ގުޅި ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެ ފަތުރުވެރިޔާއަށް ދިމާވެގެން އުޅެނީ ކޮވިޑް-19 އަށް ޝައްކު ކުރެވޭ ކަމެއް ކަމަކަށް ޑޮކްޓަރު އެޗްޕީއޭއާ ހިއްސާ ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި، އިޓަލީ ފަތުރުވެރިޔާ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ހުރުމުގެ ސަބަބުން، އޭނާއާ ކޮންޓެކްޓްވި 5 މީހަކު ވަނީ މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި މީގެ އިތުރުން ވެސް މި ބައްޔަށް ޕޮޒިޓިވްވެފައިވާ 8 މީހަކު ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުން ފެނިފައެވެ.