ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނުރައްކާ މިވަގުތު އެންމެ ބޮޑުވެފައިވާ އިޓަލީވިލާތުން އިއްޔެ އެކަނިވެސް 475 މީހަކު މި ބަލީގައި މަރުވެފައިވާކަމަށާ، މިއާއެކު ކޮވިޑް-19އަށް ޕޮޒިޓިވްވެގެން އެގައުމުން މަރުވި މީހުންގެ އަދަދު 3000 އާއި ގާތް ކުރާކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން 298238 މީހަކު މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރެއިން 35713 ކޭސް ރިޕޯޓްކޮށްފައިވަނީ އިޓަލީވިލާތުންނެވެ. އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑް-19ގެ ޝިކާރައަކަށްވެ، 8967 މީހެއްގެ ފުރާނަ ގެއްލިފައިވާއިރު، 2978 މަރަކީ އިޓަލީވިލާތުން ރިޕޯޓްކުރި މަރުތަކެވެ. ކަންމިހެން އޮތްއިރު، 4025 މީހަކު ވަނީ އިޓަލީވިލާތުން ކޮވިޑް-19އަށް ފަރުވާ ހޯދައިގެން ރަނގަޅުވެސްވެފައެވެ.

އިޓަލީވިލާތުގެ ހާލަތަށް ބަލާއިރު އެންމެ ނުރައްކާ ބޮޑުވެފައިވަނީ ލޮމްބާޑީއޭ ކިއުނު ސަރަހައްދުގައެވެ. އެސަރަހައްދުން 319 މީހަކު މަރުވެގެން ވަނީ ރިޕޯޓްކޮށްފައެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިޓަލީވިލާތުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން މުޅި ގައުމު ލޮކްޑައުން ހާލަތަށް ގެނެސްފައި އޮންނަތާ މިހާރު 2 ހަފުތާއެއްހާ ދުވަސްވެއްޖެއެވެ. ގެއިން ބޭރަށް ނިކުތުމުގެ އިޒުނަވެސް މީހަކަށް ނޯވެއެވެ. ނަމަވެސް މީހުން މަރުވާ މިންވަރު، އަދިވެސް ދަނީ އިތުރުވަމުންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)ގެ އެމާޖެންސީ ޑައިރެކްޓާ ޑރ މައިކް ރާޔަން ވިދާޅުވީ، މި އަދަދު މިހާ މައްޗަށް ދިއުމުގެ ސަބަބުތަކަށް ބަލާއިރު އިޓަލީވިލާތަކީ ދޮށީއުމުރުގެ މީހުންގެ އާބާދީ ބޮޑު ގައުމަކަށް ވުމުން، މިފަދަ ކަމެއް ހިނގުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ކޮވިޑް-19ގެ ނުރައްކާ ބޮޑުވާ ގިންތިތަކުގެ ތެރޭގައި ދޮށީ އުމުރުގެ މީހުންވެސް ހިމެނެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވަނީ، ކޮވިޑް-19ގެ ފުރަތަމަ ވެކްސިން، އިންސާނުންގެ ހަށިގަނޑުގައި ޓެސްޓުކުރަން ފަށާފައިވާއިރު، އެއީ މި ރޮނގުން ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.

ލޮކްޑައުންނާއެކު ލިބުނު ހެޔޮ ޚަބަރު

އިޓަލީވިލާތް ލޮކްޑައުންއަށް ގެނެސް، ގައުމު ހިމޭންވެފައިވާއިރު އިޓަލީވިލާތުގެ މަޝްހޫރު ވެނިސްގެ ފެންއާރުތައް މިހާރު ފެންނަނީ ހިތްގައިމު ގޮތަކަށެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މަންޒަރުތަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވަނީ ސަބަބެއް ނެތިއެއް ނޫނެވެ.

އިޓަލީވިލާތުގެ ވެނިސްގެ ފެންކޯރުތައް ސާފުވެފަ/ފޮޓޯ: ވޫލްޕިންކް

ފެންކޯރުތަކުގައި މީގެ ކުރިން ކޮޅުކޮޅަށް ދުއްވަމުންދިޔަ ކެނޯތައް މަޑުޖެހުމުގެ ނަތީޖާއެއްގެ ގޮތުން، ގުދުރަތީ އެކި ދިރުންތައް މިހާރު ވަނީ އެ ފެންކޯރުތަކާ އާރުތަކަށް ޖަމާވެފައެވެ. ދައުރުވަމުންދާ ބައެއް ޕޯސްޓްތަކަށް ބަލާއިރު، ފެންގަނޑު ތެރޭގައި އުޅޭ މަސްމަހާމެހިވެސް ސާފުކޮށް ފެންނަން ހުރެއެވެ.