ކޮވިޑް-19 އާ ގުޅިގެން ވަގުތީ ގޮތުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މަޑުޖައްސާލާފައިވީ ނަމަވެސް އެކަން ނޭނގި އެތައް ބިދޭސީންތަކެއް އަދިވެސް ނަމާދަށް މިސްކިތަށް އަރަމުން އެބަދެއެވެ.

މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކާއި ރާއްޖޭގެ ފެތުރެމުން ދާ ކޮވިޑް-19 އާ ގުޅިގެން، ދެމުން ދާ ބަންގީގައި އަރަބި ބަހުން އިތުރު ބައެއް ހިމަނާ އޭގެ މާނަ ދިވެހި ބަހުން ވަނީ އިއްވާފައެވެ. އަލަަށް އިއްވި ބައިގައި ބުނަނީ ގޭގައި ތިބެގެން ނަމާދު ކުރުމަށެވެ.

ދިވެހިން ގޭގައި ތިބެގެން ނަމާދު ކުރި ނަމަވެސް މިއަދު މެންދުރު ނަމާދަށް ފަހު އަސްރު ނަމާދާއި މަޣްރިބް ނަމާދު ވަގުތުގައި ވެސް މިސްކިތަށް ގޮސް ޖަމާއަތް ހަދައިގެން (ގިނަ ބަޔަކު އެކުވެގެން) ނަމާދު ކޮށްގެން ފޭބި ބައެއް ބިދޭސީން ވަނީ ފެނިފައެވެ. އެގޮތުން މިސްކިތަށް އަރާ ފޭބި ބިދޭސީންގެ ތެރެއިން ބައެއް ބިދޭސީންނާ 'ދަ ޕްރެސް' އިން ސުވާލު ކޮށްލީމެވެ.

ބިދޭސީއަކު ބުނީ، މިސްކިތަށް ޖަމާއަތުގައި ނަމާދު ކުރަން ދިއުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަން އެމީހުންނަށް ނޭނގޭ ކަމަށެވެ. އަދި އެފަދަ މެސެޖެއްވެސް އެމީހުންނަށް ލިބިފައި ނުވާ ކަމަށެވެ. އިތުރު ބިދޭސީއަކު ބުނީ، އޭނާގެ އަތުގައި ފޯނެއްވެސް ނޯންނަ ކަމަށާއި މިސްކިތުގައި ޖަމާއަތުގައި ނަމާދު ކުރުން މަޑުޖައްސާލާފައި އޮތް ކަން އެނގިފައި ނުވާ ކަމަށެވެ.

"އަހަރެން ފޯނު ނެތީ، ނަމާދު ކުރަން މިސްކިތަށް ނުދާން ބުނަނީތަ؟ އަހަރެންނަށް ނޭނގެނީ. އަހަރެން ދެން ނާންނަނީ."
ބިދޭސީއެއް

ތޮށްޖެހިފައިވާ މާލޭގައި ބިދޭސީން ދިރިއުޅޭ ތަންތަނަށް ބަލާ ނަމަ އެ މީހުން ނަމާދުކޮށްލަން ސަޖިދަ ޖަހާލާނެހާ ޖާގައެއްވެސް އެތަންތާކު ނޯންނާނެއެވެ. އެމީހުން ނަމާދުކުރަން މިސްކިތަށް ދިއުމުގައި ހުރަހެއް ނެތަސް ޖަމާއަތުގައި މިހަރު ނަމާދު ކުރުން ވަނީ މަޑުޖައްސާލާފައެވެ. އެކަން އެމީހުން ކުރަމުންދަނީ އެފަދައިން އެކަން ކުރަން އެންގިކަން ނޭނގޭތީ ކަމަށް އެމީހުން ބުނެއެވެ.

މިރޭ ދަރުބާރު ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ދޭން ޖެހޭ އިރުޝާދުތައް ބިދޭސީންނަށް ފޯރުކޮށް ދެމުންދާ ކަމަށެވެ. އެ މީހުންނަށް މެސެޖުން މައުލޫމާތު ފޯރުކޮށް ދެމުން ދަނީ އެ ބިދޭސީއެއްގެ ގައުމުގެ ބަހުންނެވެ. ނަމަވެސް ޓެލެކޮމިއުނިކޭޝަން ހިދުމަތް ދޭ ތަންތަނާ ގުޅިގެން މި މެސެޖް ފޯރުކޮށްދޭ އިރު އެއްފަހަރާ އެތައް ބަޔަަކަށް މެސެޖް ފޮނުވޭ އިރު ލަސްކަމެއް އުޅުމަކީ އެކަށީގެންވާ ކަމެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގައި މަސައްކަތްތެރިންގެ ގޮތުގައި އުޅޭ ބިދޭސީންތަކެއް

ރާއްޖޭގައި މަސައްކަތްތެރިންގެ ގޮތުގައި އުޅޭ ބިދޭސީންގެ އަދަދު ހާމަ ކުރައްވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވެފައި ވަނީ މިހާރުވެސް ރާއްޖޭގައި ބަންގްލަދޭޝްއަށް ނިސްބަތްވާ 150،000 މަސައްކަތްތެރިން އެބައުޅޭ ކަމަށެވެ. އަދި އޭގެ ތެރޭގައި 50،000 މީހުންނަކީ ނުގަވައިދުން އުޅޭ މީހުންނެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ބިދޭސީންނަށް މައުލޫމާތު ފޯރުކޮށް ދިނުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށް ކުރިން އެޗްޕީއޭއިން ބުނެފައި ވެއެވެ. އެކަން ހައްލު ކުރުމަށް ބިދޭސީންގެ ނަމުގައި ރަޖިސްޓާ ކޮށްފައިވާ ފޯނުތަކަށް އެ ގައުމެއްގެ ބަހުން މެސެޖް ފޮނުވުމުގެ އިންތިޒާމް ހަމަޖެއްސީ މި ބަލިން ރައްކާތެރިވުމުގެ ގޮތުން އަޅާމުންދާ ފިޔަވަޅުތައް އެ ފަރާތްތަކަށް ފޯރުކޮށް ދިނުމަށެވެ.

މިހާތަނަށް ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ 13 މީހުންނެވެ. މި ބައްޔަށް އަދި ދިވެއްސަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.