ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ޕޯޓުތަކަށް ވަނުމުގެ ހުއްދަ ނުދީ 81 ފަރާތެއް ފޮނުވާލައިފައިވާ ކަމަށް ބުނެފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރާއްޖޭގެ ޕޯޓުތަކުން މިހާތަނަށް 238،853 މީހުން ސްކްރީން ކޮށްފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް އައި އިރު ރާއްޖެއަށް އައި މީހުންގެ ތެރެއިން އެތެރެވުމުގެ ހުއްދަ ނުދީ ފުރުވާލައިފައި ވަނީ ޖުމްލަ 81 ފަރާތެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށާއި ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން އަންނަނީ ގިނަގުނަ ފިޔަވަޅުތައް އަޅަމުންނެވެ. މިރޭ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް އިތުރަށް ވިދާޅުވީ ރާއްޖެއަށް މިހާރު ކޮންމެ ގައުމަކުން އަންނަ ފަރާތެއް ވިޔަސް ހޯމް ކަރަންޓީން ކުރެވޭނެ ކަމަށެވެ. ހަމައެއާއެކު މި ދުވަސްވަރަކީ ކޮވިޑް-19 ހަލުވިކަމާއެކު ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ދުވަސްވަރެއް ކަމުން ރާއްޖެއިން ބޭރަށް ކޮންމެހެން ދާން ޖެހިއްޖެ ހާލަތެއްގައި މެނުވީ ދަތުރު ނުކުރުމަށް ސަރުކާރުން ވަނީ އަންގާފައެވެ.

މިއަދާ ހަމައަށް އައި އިރު ރާއްޖެއަށް މީހުން އައުން މަޑުޖައްސާލާފައި ވަނީ ޗައިނާ، ބަންގްލަދޭޝް، އީރާން، އިޓަލީ، މެލޭޝިއާ، ސްޕޭންގެ އިތުރުން ސައުތް ކޮރެއާގެ ދެ ސަރަހައްދަކާއި، ޖަރުމަނުގެ ތިން ސަރަހައްދަކާއި، ފްރާންސްގެ ދެ ސަރަަހައްދަކުންނެވެ.

ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން 13 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 5 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 2 ބިދޭސީއަކާއި ސަފާރީއަކުން 2 ބިދޭސީއެކެވެ. މިހާތަނަށް ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.