ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި މާދަމާއިން ފެށިގެން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުވީ ނަމަވެސް، އެއްވެސް ކޯޓުތަކުން ކޮށްފައިވާ ހުކުމަކާއި ނުވަޔަ ދޭ ހިދުމަތްތަކާއި ގުޅިގެން ދައްކަންޖެހޭ ފައިސާ އޮންލައިންކޮށް ނުވަތަ އިންޓަނެޓު ބޭންކް ދެއްކުމަށް ޑިޕާޓުމަން އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އަންގައިފިއެވެ.

ޑީޖޭއޭ އިން ކޮށްފައިވާ އިއުލާނެއްގައި ބުނީ ކޮވިޑް19 އަށް އަޅާ ހާއްސަ ފިޔަވަޅުގެ ތެރެއިން ސަރުކާރު ބަންދުކޮށްފައި ހުންނަ ދުވަސްވަރު ޝަރުއީ ދާއިރާއިން އާއްމު ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް މެދުނުކެނޑޭނެ އިންތިޒާމް ކަށަވަރު ކުރެއްވުމަށްޓަކައި އެ މުއްދަތުގައި ޝަރުއީ ހުކުމަކާއި ގުޅިގެން ނުވަތަ ކޯޓުން ދޭ ހިދުމަތަކާ ގުޅިގެން ކޯޓަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ދެއްކުމަށް ބޭނުންވާނަމަ، އޮންލައިންކޮށް އެކަން ކުރުމަށް އެދޭ ކަމަށެވެ.

ކޯޓަށް ފައިސާ ދައްކަން ބޭނުންވާ ފަރާތްތަކުން މާދަމާއިން ފެށިގެން ފައިސާ ދައްކަންޖެހޭ ފަރާތުގެ ވައިބާ ނުވަތަ ވަޓްސްއެޕް ނުވަތަ އީމެއިލް މެދުވެރިކޮށް ޑީޖޭއޭއިން ފޮނުވާ ލިންކުން ހުޅުވޭ ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމަށް އެދޭ ކަމަށެވެ. ނުވަތަ ޑީޖޭއޭގެ ވެބްސައިޓަށް ވަދެ ވެބްސައިޓްގައި އިންނަ ސްޓެޓިކް QR ސްކޭން ކުރުމަށްފަހު ފައިސާ ދެއްކުމަށް އެދޭ ކަމަށާއި ނުވަތަ ފައިސާ ދައްކަން ޖެހޭ ފަރާތުން، (001 431506 7711) އެކައުންޓު ނަންބަރަށް ފައިސާ ޓްރާންސްފާވެސް ކުރެވިދާނެ ކަމަށެވެ.

ސަރުކާރުގެ އޮފީސްތައް އަންނަ ހަފުތާއަށް ބަންދު ކުރުމަށް ނިންމާފައި ވާއިރު ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ މުސާރާތައް ވެސް 20 އިންސައްތަ ކުޑަކުރުމަށް މިއަދު ވަނީ މަޖިލީހުން ނިންމާފައެވެ. އެގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ނާއިބު ރައީސް ފައިސަލް ނަސީމުގެ އިތުރުން ރައްޔިތުން މަޖިލީހުގެ މެންބަރުންގެ މުސާރަ 20 އިންސައްތަ ކުޑަ ކުރުމަށްވެސް ވަނީ ނިންމާފައެވެ.

ރާއްޖޭގައި 30 ދުވަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވާއިރު ސަރުކާރުން ގެންދަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ސްކޫލްތަކާއި ކޮލެޖްތައް ހިމެނޭ ގޮތަށް ތައުލީމް ދޭ މަރުކަޒުތައް ދެ ހަފުތާއަށް ބަންދުކޮށްފައި ވާއިރު ގުރުއާން ކްލާސްތަކާއި ޓިއުޝަން ދިނުން ވެސް ވަނީ ހުއްޓުވާފައެވެ. އަދި ސިނާމާތައް ވެސް ބަންދުކުރަން ވަނީ އަންގާފައެވެ.