ރާއްޖޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރި ވުމުގެ ގޮތުން ކޮފީތަކަށް ގޮސް އެންމެ ޝީޝާއެއް ގެނެސް ހުރިހާ ރައްޓެހިންގެ މެދުގައި "ޝެއާ" ކޮށްގެން ބުއިން ހުއްޓާލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މިއަދު އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، ސިންގިރޭޓު ބުއިމުންނާއި ޝީޝާ "ޝެއާކޮށްގެން ބުއިމަކީ ކޮވިޑް-19 ވައިރަސް ފެތުރުމުގެ ނުރައްކާ ބޮޑުވެ އިތުރުވާނެ ކަމެއް" ކަމަށެވެ.
އަދި ޝީޝާ ބޯއިރު ދުން ދަމާ ހޮޅި ޝެއާ ކުރާ އިރު އޭގެ ތުން ބަދަލު ކުރި ނަމަވެސް ވައިރަސް ޖެހިފައިވާ މީހެއްގެ ފަރާތުން އެ ހޮޅިއަށް ވައިރަސްގެ އަސަރު ގޮސްދާނެ ކަމަށް ސިއްހީ މާހިރުން ބުނެއެވެ. އެހެންކަމުން އެ ހޮޅި ރަނގަޅަށް ސާފުނުކޮށް ހުއްޓާ އެއިން ޝީޝާ ބޯ އެންމެނަށް ވެސް މި ބަލި ޖެހުމުގެ ފުރުސަތު ބޮޑުކަމަށް އެފަރާތްތަކުން ބުނެއެވެ.
މިހާރު ރާއްޖޭގައި ޝީޝާ ލިބެން ހުންނަ ގިނަ ކެފޭތަކެއް ހުރެއެވެ. އޭގެތެރެއިން ބައެއް ކެފޭތަކުން މިހާރުވެސް ޝީޝާ ނުދޭ ގޮތަށް ނިންމާފައިވާ ކަން ފާހަގަ ކޮށްލެވެއެވެ. ޝީޝާ ނުލިބުނު ނަމަވެސް ކޮފީތަކަށް ގޮސް ހަދާ މީހުން މަދުނުވާ ކަމީ މިވަގުތު ވަރަށް ދެރަ މައްސަަލައެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ. މީހުން އެއްވެ ނޫޅުމަށާއި ފަރުދީ ޒިންމާ ނަގައި "އިޖުތިމާއީ ގައިދުރު" ކަމަށް ސަމާލުކަން ދީ، ހުރިހާ ފަރާތްތަކުން ވެސް ގޭގައި ތިބުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.
މިހާތަނަށް ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ 13 ބިދޭސީންނެވެ. އަދި ރާއްޖެއިން މިބައްޔަށް ޕޮޒިޓިވް ވެފައިވާ ދިވެއްސަކު ފެނިފައި ނުވި ނަމަވެސް ބައެއް ދިވެހިންގެ ގައިން މި ބައްޔަށް ޝައްކުވާ އަލާމާތްތައް ފެނި ދަނީ ޓެސްޓު ކުރަމުންނެވެ.
މި ބައްޔަށް ޝާއްކުވާ އަލާމާތްތައް ފެންނަ ކަމުގައި ވާނަމަ ލަސްނުކޮށް އެޗްޕީއޭގެ ހޮޓަލައިން 1676 އަށް ގުޅައިގެން ސިއްހީ މައުލޫމާތު ހިއްސާ ކުރާށެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ.