ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އާ ގުޅިގެން ސުޕްރީމް ކޯޓުން މާދަމާއިން ފެށިގެން ފެށިގެން ކުރިއަށް އޮތް ހަފުތާއަށް އަޑުއެހުންތައް ނުބާއްވާ ގޮތަށް ނިންމައިފިއެވެ.

ސުޕްރީމް ކޯޓުން ބުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖެގައި އިއުލާން ކުރުމާއި ގުޅިގެން ސަރުކާރާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ. މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އެ ކޯޓުގައި ތާވަލް ކޮށްފައިވާ އަޑުއެހުންތައް ކެންސަލްކޮށްފައިވާ ކަމަށާއި އެ އަޑުއެހުންތައް ވީއެންމެ އަވަހަކަށް ތާވަލް ކުރެވޭނެ ކަމަށްވެސް ސުޕްރީމް ކޯޓުން ބުނެއެވެ.

ރާއްޖޭގައި 30 ދުވަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވާއިރު، ސަރުކާރު ހަފްތާއަކަށް ބަންދުކުރުމާއި، ހާއްސަ ހާލަތެއްގައި މެނުވީ ބާއްވަން ޖެހޭ ޖަލްސާއެއް ފިޔަވައި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހަފްތާއަކަށް މެދުކަނޑާލަން ނިންމާ، މިއަދުގެ މަޖިލީހުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިއުލާން ކުރައްވާފައެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން ގެންދަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން މާލޭ ސަރަހައްދާއި ރިސޯޓްތަކުގެ ހުރިހާ މިސްކިތްތަކެއް ބަންދުކޮށް ނަމާދު ޖަމާއަތުގައި ނުކުރުމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަންގަވައިފައިވަނީ މިއަދެވެ. މީގެ އިތުރުން ރާއްޖޭގެ ހުރިހާ ސްކޫލްތަކާއި ކޮލެޖްތައް ހިމެނޭ ގޮތަށް ތައުލީމް ދޭ މަރުކަޒުތައް ދެ ހަފުތާއަށް ބަންދުކޮށްފައި ވާއިރު ގުރުއާން ކްލާސްތަކާއި ޓިއުޝަން ދިނުން ވެސް ވަނީ ހުއްޓުވާފައެވެ. އަދި ސިނާމާތައް ވެސް ބަންދުކުރަން ވަނީ އަންގާފައެވެ.

އޭގެއިތުރުން ރިސޯޓްތަކުން މީހުން ދިރިއުޅޭ ރަށްރަށަށް މީހުން ދިޔުން މަނާކުރުމާއި، އާންމުން ދަތުރުކުރާ ފެރީތަކުގައި ބިދޭސީން ދަތުރު ކުރުންވެސް ވަނީ މަނާކޮށްފައެވެ. މާލެ ސަރަހައްދުތަކުގެ ގެސްޓް ހައުސްތަކަށް ގެސްޓުން ގެނައުންވެސް ވަނީ މަނާކޮށްފައެވެ.