ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއިންވެސް މިހާރު ފެނިފައި ވާއިރު މިސްކިތްތައް ބަންދުކުރުމަކީ ގޭގައި ތިބޭ އަނބިދަރިންނަށް ނަމޫނާ ދައްކަން ލިބޭ ފުރުސަތެއް ކަމަށް ޖަމިއްޔަތުއް ސަލަފުގެ ނައިބު ރައީސް ޝެއިހް ހަސަން މުސާ ފިކުރީ ވިދާޅުވެއްޖެއެވެ.

މިސްކިތްތަކުގެ ޖަމާއަތުގައި ނަމާދު ނުކުރުމަށާއި ހުކުރު ނަމާދުގެ ޖަމާއަތް ނުބޭއްވުމަށް އިސްލާމިކް މިނިސްޓްރީއިން ނިންމުމާ ގުޅިގެން މިހާލަތުގައި ނަމާދުކުރާނެ ގޮތާއި ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝެއިހް ފިކުރީ ވިދާޅުވީ މިފަދަ ނުރައްކާތެރި ދަނޑިވަޅެއްގައިވެސް ފަރުޞު ނަމާދު ކުރެވޭނެ ކަމަށާއި އެއީ ދީނުގެ ތަނބަށްވީ ހިނދު، ނަމާދަކީ އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނެ އަމަލު ކަމަށާއި ކޮންމެ ހާލަތެއްގައިވެސް ނަމާދުކުރަން އަންގަވާފައިވާ ކަމަށެވެ.

މިހާލަތުގައި ކުރެވިފައިވާ ކުއްފާފަތަކުން ތައުބާވެ، އަޅުކަމަށް ފަރުވާތެރިވުމަކީ ކުރެވޭނެ އެންމެ މުހިންމު އަދި އެންމެ އިސްކަމެއް ދޭންވީ އެއް ކަންތަށް ކަމަށްވެސް ޝެއިހް ފިކުރީ ވިދާޅުވިއެވެ. ނަމާދަކީ މުސްލިމުންގެ މައްޗަށް އޮތް އެންމެ އިސް ދީނީ ވާޖިބު ކަމަށާއި މިސްކިތްތަކުގެ ޖަމާއުތުގައި ނަމާދުކުރުން ހުއްޓާލަން އަންގާފައިވާ ނަމަވެސް ގޭގައި ނަމާދުކުރުން ހުއްޓާ ނުލަން ވަނީ ގޮވާލާފައެވެ. އަދި ގޭގައި ނަމާދު ކުރުމުގައި ބަންގި ދޭން ނުޖެހޭނެކަން ވަނީ ފާހަގަ ކުރައްވާފައެވެ.

އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ގޭގައިތިބި އަނބި ދަރީނަނަށް، ވަރަށް ރަނގަޅު ނަމޫނާއެއް ދައްކާލަން ލިބޭ ފުރުސަތެއްމީ، ކޮންމެ އާއިލާއަކުންވެސް މަންމަ އާއި ބައްޕަ ޖަމާއަތުގައި، ގޭގެ ތެރޭގައި ނަމާދުކުރާތަން ފެނުމަކީ އަމަލީގޮތުން ދަރީނަށް އިސްލާމް ދީނާ ގާއިމް ކުރެވިގެންދާކަން، އަނެއްކާ މިއީ ނަމާދަށް ނާރާށޭ ބުނަނީކީ ނޫން، އިޖްތިމާއީ އެއްވެ އުޅޭ ހުރިހާ ކަމެއް ހުއްޓިގެން ގޮސްފި، މި ދަނޑިވަޅުގައި އަޅުގަނޑުމެންގެ ސިއްހަތާއި ދެވޭ އިރުޝާދުތަކަށް ތަބާވާން ވާނެ
ޝެއިހް ފިކުރީ

މިފަދަ ވަގުތެއް އައިތީ ހިތާމަ ކުރައްވާ ކަމަށާއި ނަމަވެސް މިއީ މަސްލަހަތަށާއި ފުރާނަތައް ރައްކާތެރި ކުރުމަށް އިސްވާންވީ ވަގުތު ކަމަށެވެ. އަދި ސިއްހީ މާހިރުން އެއްވެ އުޅުމާއި ސަލާމަތައް ރައްކާތެރިގޮތަކަށް ވާނީ އެގޮތް ކަމަށް ބުނަމުން ދާއިރު މިއީ އެ މީހުންގެ އިރުޝާދުތަކަށްވެސް އަމަލު ކުރަންވީ ވަގުތެއް ކަމަށްވެސް ޝެއިހް ފިކުރީ ވިދާޅުވިއެވެ. ހަރްމަފުޅު ބަންދު ކުރި ހަބަރުން، އީމާންތެރިކަން ކުޑަ މިންވަރަކަށް ނަމަވެސް އޮތް ހިތެއް ނަމަ އަސަރު ކުރާނެ ކަމަށާއި އެވާހަކަ ދައްކަވަނީ ހިތައް ހަމަޖެހުމެއް ލިބިގެން ނޫން ކަމަށްވެސް ޝެއިހް ފިކުރީ ވިދާޅުވިއެވެ.

ރާއްޖޭގައި 30 ދުވަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވާއިރު، އިސްލާމިކް މިނިސްޓްރީން ބުނީ އެ ފިޔަވަޅު އެޅީ މިއަދު މެންދުރު ނަމާދުން ފެށިގެން އަންނަ ހޮނިހިރު ދުވަހާ ހަމައަށް މާލެ ސަރަހައްދާއި ރިސޯޓްތަކަށް ކަމަށެވެ. ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮތުމުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ލަފާގެ މަތިން އެޅުއްވި ފިޔަވަޅެއް ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މަގުސަދަކީ ރާއްޖޭގައި ކޮވިޑް-19 ފެތުރުމުގެ ފުރުސަތު ނުދެއްވުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރިޔަސް ކޮންމެ ނަމާދަކަށް ވެސް އިމާމުން މިސްކިތްތަކަށް ގޮސް ބަންގި ގޮވައި، ނަމާދު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިސްކިތުގައި ވަކިން ނަމާދު ކުރަން ބޭނުންވާ މީހަކަށް އެ ފުރުސަތު އޮންނާނެ ކަމަށާއި މީހުންނަށް ނުވަދެވޭނެ ގޮތަށް މިސްކިތްތައް ބަންދުކޮށްފައި ނުބަހައްޓާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ ކުރިން އިސްލާމިކް މިނިސްޓްރީން ވަނީ، ރާއްޖެން ކޮރޯނާވައިރަސް ފެނުމާ ގުޅިގެންނާއި އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހުރުކު ވީހާވެސް ކުރުކޮށް އަދި ކުރު ސޫރަތް ކިޔެވުމާއި އަދި ހުތުބާވެސް ކުރުކުރަން އަންގާފައެވެ. މީގެ އިތުރުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ ރައްކާތެރިވުމަށް މިސްކިތުގައި އަޅާފައިވާ ކާޕެޓުތައް ނަގަންވެސް އަންގާފައެވެ.

މިއީ ރާއްޖޭގައި މިސްކިތްތައް މިގޮތަށް ބަންދުކުރި ފުރަތަމަ ފަހަރައް ވީއިރު، ކޮވިޑް-19އާ ގުޅިގެން ބައެއް އެހެން ގައުމުތަކުގެ މިސްކިތްތައްވެސް ވަނީ ބަންދުކޮށްފައެވެ. އެގޮތުން ސައުދި އަރަބިއްޔާގެ ދެ ހަރަމް ފިޔަވާ ހުރިހާ މިސްކިތްތައް އިއްޔެ ވަނީ ބަންދުކޮށްފައެވެ.