ކޮވިޑް-19އާ ގުޅިގެން އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ދިގުމުއްދަތަށް ބޭސްބޭނުން ކުރާ ފަރާތްތަކަށް ބޭސްދޫކުރުމާއި ގުޅޭގޮތުން އާސަންދަ ކުންފުނިން ލުއި ގޮތްތަކެއް ތައާރަފްުކޮށްފިއެވެ.

އާދަންދަ ކުންފުނިން ބުނީ، ލުއި ގޮތްތަކެއް ތައާރަފްކޮށްފައި ވަނީ ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި މީހުން ސިއްހީ ހިދުމަތްފޯރުކޮށްދޭ މަރުކަޒުތަކަށް ދިއުން މަދުކުރުމުގެ ގޮތުން ކަމަށެވެ. އެގޮތުން، މިނިސްޓްރީ އޮފް ހެލްތުގެ ލަފާގެ މަތިން، އާސަންދަ ސްކީމްގެ ތެރެއިން ގުމުއްދަތަށް ބޭސްބޭނުން ކުރާ ފަރާތްތަކަށް މިދުވަސްވަރު އަލުން ޑޮކްޓަރަށް ނުދައްކާ، ކުރިން ޑޮކްޓަރު ލިޔެދެއްވާފައިވާ ބޭސްސިޓީއަކަށް އަލުން ބޭސްނެގޭނޭ އިންތިޒާމް ހުރިހާ ފާމަސީއަކުން ލިބޭގޮތަށް ހަމަޖައްސައިދިނުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާ ކަމަށް އާސަންދައިން ބުނެއެވެ.

އާސަންދައިން ބުނީ، މިވަގުތު އެސްޓީއޯ ބޭސްފިހާރަތަކުން އަދި އޭޑީކޭގެ ބޭސްފިހާރަތަކުން މިފަދަ ބޭސްސިޓީއަށް ބޭސްލިބޭނޭ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. މިވަގުތަށް ހަމަޖެހިފައިވާ ގޮތަކީ، އެސްޓީއޯ ފާމަސީ އަދި އޭޑީކޭ ފާމަސީ އިން މިހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ވަނީ ވައިބާ މެދުވެރިކޮށް ބޭސްސިޓީ ފޮނުވުމުގެ އިންތިޒާމް ހަމަޖައްސައިދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.

ބޭސްސިޓީ ވައިބާ ކުރަންވީ ނަންބަރުތައް

އާސަންދަ ސްކީމްގެ ހިދުމަތް ފޯރުކޮށްދޭ މަރުކަޒަކުން ކުރިން ދޫކުރެވިފައިވާ ބޭސްސިޓީއަކަށް ބޭސްދިނުން:

  • ބޭސްސިޓީ ލިޔެދީފައިވާ ތާރީހުން ފެށިގެން 6 މަސްދުވަސްވެފައި ނުވުން
  • މިވަގުތު ހުރި ބޭސް ހުސްވުމުގެ ހަފްތާއެއް ކުރިން ފާމަސީތަކަށް ބޭސްހޯދުމަށް ހުށައެޅުން
  • ބޭސްސިޓީއަކީ ދިގުމުއްދަތަށް ފަރުވާކުރާ ބައްޔަކަށް ދޫކޮށްފައިވާ ބޭސްސިޓީއަކަށްވުން
  • ބޭސްސިޓީގައި ހުންނަންވާ ހުރިހާ މައުލޫމާތުތަކެއް ފުރިހަމައަށް ހުރުން (ބަލިމީހާގެ މައުލޫމާތު، ބަލީގެ ނަން، ބޭހުގެ ނަމާއި، މިލިގްރާމް، އަދި ބޭސްބޭނުންކުރަންވީ ވަގުތުތަކާއި މުއްދަތު، ޑޮކްޓަރުގެ މައުލޫމާތު)
  • މިފަދަ ބޭސްސިޓީއެއްގައި ކުރިން އެހެންކަމަކަށް އެވަގުތަށް ފަރުވާ ނަގާފައިވާ އެހެނިހެން ބޭސްތައް އަލުން ދުލެއްނުކުރެވޭނެއެވެ. (މިސާލު: އެންމެފަހުން ހަކުރު ބަލި ހުންނަ މީހަކު ޑޮކްޓަރަށް ދެއްކިއިރު، ރޯގާޖެހިފައިވާނަމަ، އޭރު އެކަމަށް ލިޔެދީފައިވާ ބޭހާއި ހަކުރު ބައްޔަށް ލިޔެދީފައިވާ ބޭހުގެ ތެރެއިން އަލުން ދޫކުރެވޭނީ ހަމައެކަނި ހަކުރު ބައްޔަށް ލިޔެދީފައިވާ ބޭހެވެ)

އާސަންދައިން ބުނީ ،މިވަގުތަކީ ދިވެހި ރައްޔިތުންނަށް އެންމެބޮޑަށް އެހީތެރިކަން ބޭނުންވާ ވަގުތު ކަމަށެވެ. އަދި އާސަންދަ ސްކީމްގެ ހިދުމަތް ހޯދާ މަރުކަޒުތަކުގެ ތެރޭގައި ނުހިމެނޭ، ރާއްޖޭގައި ޑޮކްޓަރީ ބޭހުގެ ހިދުމަތްފޯރުކޮށްދޭ ހުރިހާ ސިއްހީ ހިދުމަތްފޯރުކޮށްދޭ މަރުކަޒުތަކުން ދިގުމުއްދަތަށް ބޭސްފަރުވާ ކުރާ ފަރާތްތަކަށް ލިޔެދޭ ބޭސްސިޓީތަކަށް ހާޢްސަ އެހީއެއްގެ ގޮތުން "އާސަންދަ" ސްކީމްގެ ތެރެއިން ބޭހުގެ ހަރަދު ހަމަޖައްސައިދޭނެ ކަމަށެވެ.

އާސަންދަ ސްކީމްގެ ހިދުމަތް ފޯރުކޮށްނުދޭ މަރުކަޒަކުން އަލަށް ދޫކުރެވިފައިވާ ބޭސްސިޓީއަކަށް ބޭސްދިނުން:

  • ބޭސްސިޓީ ލިޔެދީފައިވާ ތާރީހުން ފެށިގެން 3 ދުވަސްވެފައި ނުވުން
  • ބޭސްސިޓީއަކީ ދިގުމުއްދަތަށް ފަރުވާކުރާ ބައްޔަކަށް ދޫކޮށްފައިވާ ބޭސްސިޓީއަކަށްވުން
  • ބޭސްސިޓީގައި ހުންނަންޖެހޭ ހުރިހާ މައުލޫމާތުތަކެއް ފުރިހަމައަށް ހުރުން (ބަލިމީހާގެ މައުލޫމާތު، ބަލީގެ ނަން، ބޭހުގެ ނަމާއި، މިލިގްރާމް، އަދި ބޭސްބޭނުންކުރަންވީ ވަގުތުތަކާއި މުއްދަތު، ޑޮކްޓަރުގެ މައުލޫމާތު)

އާސަންދައިން ބުނީ، މިގޮތަށް އަމަލުކުރާނީ ހަމައެކަނި މިވަގުތު ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެކަނި ކަމަށެވެ. އަދި މިހާލަތުން ރާއްޖެ އަރައިގަތުމުން، "އާސަންދަ" ސްކީމްގެ ހިދުމަތް ފޯރުކޮށްދޭނީ ކުރީގައިވެސް ސްކީމްގެ ހިދުމަތް ފޯރުކޮށްދެމުންދާ އުސޫލުން، 30 ދުވަސް ހަމަވެފައިނުވާ ސްކީމްގެ ތެރެއިން ހިދުމަތް ފޯރުކޮށްދޭ މަރުކަޒަކުން ދޫކޮށްފައިވާ ބޭސްސިޓީއަކަށް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން އާދަންދައިން ވަނީ، އެ ކުންފުނީގެ ފަރާތުން ދިގުމުއްދަތަށް ބޭސްނަގާ ފަރާތްތަކަށް މިގޮތަށް ބޭސްނެންގެވުމަށް ފުރުސަތު ދިން ކަމުގައި ވީނަމަވެސް، އެފަރާތަކީ ބޭހުގެ ޑޯޒޭޖު ބަދަލުކުރަންޖެހޭ ފަރާތެއްނަމަ، ނުވަތަ އެބަލީގެ އިތުރުން އިތުރު އުނދަގުލެއް މިވަގުތު ހުރި ފަރާތެއްނަމަ، ސިއްހީ ހިދުމަތްފޯރުކޮށްދޭ ފަރާތްތަކުގެ އެހީ ހޯދުމަށް އިލްތިމާސްކޮށްފައެވެ.