ފަހުގެ ތާރީހުގައި ދުނިޔެ ދުށް އެންމެ ނުރައްކާތެރި ބަލިމަޑުކަމަކަށް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ވެފައިވާކަމީ މިއަދު އެންމެން އިއްތިފާގުވާ ކަމެކެވެ. ބަލިން ދިފާއުވާނެ ވެކްސިންއެއް ލިބިފައި ނުވާއިރު، ކޮންމެ މީހަކުހެން މަސައްކަތްކުރަމުންދަނީ އެގޮތް މި ގޮތުންވެސް އެ ވައިރަހާ ވީހާވެސް ދުރުގައި ހުރެވޭތޯއެވެ.

ކޮވިޑް-19އިން ސަލާމަތްވުމަށް ގައުމީ ފެންވަރުގައި ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންދާއިރު ފަރުދީ ޒިންމާތައް އަދާކުރުންވެސް މިކަމުގައި ހިމެނެއެވެ. ހަމަ މިފަދައިން، އަމިއްލަ ނަފްސަށްޓަކައި ކޮށްދޭންޖެހޭ ކަންތައްތަކެއް ހުރެއެވެ. އެގޮތުން ގިނަ ބަޔަކަށް އަދިވެސް މާ ބޮޑު ސަމާލުކަމެއް ނުދެވި އޮތް އެއް ކަމަކީ އަބަދުމެހެން އަތުގައި ގެންގުޅޭ ގެޖެޓްތައް ގަވައިދުން ސާފުކޮށް، ސެނިޓައިޒް ކުރުމެވެ. ނުވަތަ ޖަރާސީމުތައް ފިލުވާމެވެ.

މީހަކު ފޯނުގެ ސްކްރީން ސާފުކުރަނީ/ފޮޓޯ: ޓޮމްސް ގައިޑް

ކޮވިޑް-19ގެ ވައިރަސް ހަށިގަނޑަށް އެތެރެވާން އެންމެ ފުރުސަތު ބޮޑު ގޮތަކީ މޫނުމަތީގެ ގުނަވަންތަކުގައި އަތް ޖެހުން ކަމަށްވާއިރު، މޫނާ ކައިރިކޮށްގެން އުޅޭ ގެޖެޓްތަކުގެ ރައްކާތެރިކަމާ މެދު ވިސްނާލެވެނީ މަދުބަޔަކަށެވެ.

ސައިބޯންޏެއް ބޭނުންކޮށްގެން ގަވައިދުން އަތްދޮވެ، ސާފުކޮށް، ހިއްކުމުގެ އިތުރަށް، އަބަދު އަތްލާ އުޅޭ ތަންތަނަކީ ސާފުތާހިރު ތަންތަން ކަން ކަށަވަރު ކުރުމަށް ސިއްހީ މާހިރުންވެސް ދަނީ ގޮވާލަމުންނެވެ. ވީއިރު، ފޯނާ، ޓެބްލެޓް އަދި ލެޕްޓޮޕާ ކޮމްޕިއުޓަރުތަކުގެ ކީބޯޑުތައް މި ލިސްޓުގައި ނުހިމެނޭންވީ އެއްވެސް ސަބަބެއް ނެތެވެ.

ފޯނު ސެނިޓައިޒް ކުރާނީ ކިހިނެއް؟

މަދުވެގެން ދުވާލަކު 1 ފަހަރު، ފޯނާ ޓެބްލެޓް ސާފުކުރަން ވާނެއެވެ. މިފަދަ ގެޖެޓްތައް ސާފުކުރާއިރު ޗާޖަރު ނައްޓާފައި ބޭއްވުމަށް ސަމާލުކަން ދޭންވާނެއެވެ. ފޯނު/ޓެބްލެޓް ފަދަ ގެޖެޓްތައް ސާފުކުރުމަށްޓަކައި ސެނިޓައިޒިންގް ނުވަތަ ޑިސްއިންފެކްޓްކުރާ ވައިޕަކުން ފޮހެލާށެވެ. ސާފުކުރާނީ ހަމައެކަނި ސްކްރީންއެއް ނޫނެވެ. މުޅި ފޯނެވެ. ހުރިހާ ފިއްތަކެއް ހިމެނޭ ސަރަހައްދުތައް ވަކިން ގަދައަށް ސާފުކުރަންވާނެއެވެ.

މީހަކު ފޯނު ސެނިޓައިޒް ކުރަނީ/ފޮޓޯ: އިންސައިޑްހުކް

ފޯނު/ޓެބްލެޓް އެކަނި ސާފުކޮށްލައިގެން ފުދޭކަށް ނެތެވެ. އެއީ ކަވަރެއް ނުވަތަ ކޭހެއްގައި އޮންނަ އެއްޗެއް ނަމަ އެވެސް ސާފުކޮށް، ރަނގަޅަށް ހިއްކަން ވާނެއެވެ.

ކީބޯޑު ސާފުކުރަންތަ؟

މިއީ އާންމު ދިރިއުޅުމުގައިވެސް ގިނަ ބަޔަކަށް ސަމާލުކަން ނުދެވި އޮންނަ އެންމެ މުޑުދާރު އެއް ތަނެވެ. ޖަރާސީމު ހާއްޔެކޭވެސް ބުނެވިދާނެއެވެ. މިއީވެސް ދުވާލަކު އެއް ފަހަރު ކުރަން އެދެވިގެންވާ ކަމެކެވެ.

ކީބޯޑް ސާފުކުރުމަށްޓަކައި ފުރަތަމަ ނުފުށުން ޖަހާ، ކުނޑިތައް ހުސްކޮށްލެވޭ ތޯ ބަލާށެވެ. އެއަށްފަހު ވައި އަންނަ އެއްޗެއް ކީބޯޑާ ދިމާކޮށްލުމަށްފަހު، ކުދި ކުނޑިތައްވެސް ފިލުވާލާށެވެ. ދެން ހަމަ ފޯނެކޭވެސް އެއްގޮތަށް ވައިޕަކުން މަޑުމަޑުން ފިއްތަކުގައި ހާކާލާށެވެ.

މީހަކު ލެޕްޓޮޕް ކޮމްޕިއުޓަރުގެ ކީބޯޑު ސާފުކުރަނީ/ފޮޓޯ: ވަޔަޑް

ދިރޭ މަހުލޫގެއްގެ ހަށިގަނޑުން ބޭރުގައި ކޮވިޑް-19 ދިރިހުންނަނީ ކިހާ ވަގުތެއް ނުވަތަ ދުވަހެއް ވަންދެންކަން އަދި ސާބިތުކަމާއެކު ހޯދިފައެއް ނުވެއެވެ. ނަމަވެސް މާޒީގައި ދުނިޔެ ދުށް ބައެއް ވައިރަސްތަކަކީ ދަގަނޑު، ބިއްލޫރު ނުވަތަ ޕްލާސްޓިކްތަކުގައި ގާތްގަނޑަކަށް 9 ދުވަހުގެ މުއްދަތަކަށް ދިރި ހުންނަ ވައިރަސްތަކެކެވެ. މި ތަންތަނުގައި އަތްޖެހުމަށްފަހު މޫނުމަތީގެ ގުނަވަނެއްގައި އަތްލެވިއްޖެނަމަ ހަށިގަނޑުގެ ތެރެއަށް ވައިރަސް ފޮނުވާލުމުގެ ފުރުސަތު ބޮޑު އިންސައްތައަކަށް އިތުރުވެގެންދެއެވެ.