ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމަށް ތަރައްގީވެފައިވާ ބޮޑެތި ގައުމުތަކަށްވެސް އަދި މާ ބޮޑު ކާމިޔާބީއެއް ނުލިބެއެވެ. ހުޅަނގުން ވިލާތު ބައްރާ، އެމެރިކާއަށް ބެލިއަސް މިކަން އޮތީ މިހެންނެވެ. ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެކި ގައުމުތަކުގެ ސަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒުކޮށް، މުޅި ދުނިޔޭގައިހެން އާންމު ދިރިއުޅުމުގެ އާދަތައް ހުއްޓުމަކަށް އައިސްފައިވާއިރު، ސިއްހީ މާހިރުންވެސް ދަނީ އެމީހުންގެ ތަޖުރިބާގެ އަލީގައި އިރުޝާދުތައް ދެމުންނެވެ.
މިފަދަ ތަފާތު ތަޖުރިބާއެއް ހިއްސާކުރި އެއް ފަރާތަކީ އެމެރިކާގެ މަޝްހޫރު ނިއުރޯސާޖަން އަދި ސިއްހީ ދާއިރާގެ ޚަބަރުތައް ރިޕޯޓްކޮށްދިނުމުގައި ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ޑރ ސަންޖޭ ގުޕްތާއެވެ.
ޑރ ގުޕްތާ ބުނާ ގޮތުގައި ކޮންމެ މީހަކުވެސް އުޅެންވީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހަކު އުޅޭނެ ފަދައިންނެވެ. އޭގެ މާނައަކީ، ގެއިން ބޭރަށް ދިއުން ހުއްޓާލުމާ، އިޖުތިމާއީ ގުޅުން ބަދަހި ކުރުމަށް އެއްވުންތައް ނުބޭއްވުމާ، ތިބާގެ ގާތުގައި ދިރިއުޅޭ މީހުންގެ ސަލާމަތާ ރައްކާތެރި ކަމަށް ވިސްނާ އެ އުސޫލުން ކަންތައް ކުރުމެވެ.
ލޮލަށް ނުފެންނަ ކުޑަކުޑަ ކޮވިޑް-19 ކޮންޓްރޯލް ނުކުރެވުނު ނަމަވެސް، ޑރ ގުޕްތާ ބުނާ ގޮތުގައި އިސްވެ ބަޔާންވެދިޔަ ކަންކަމަކީ ކޮންމެ މީހަކަށްވެސް ކޮންޓްރޯލް ކުރެވޭނެ ކަންކަމެވެ.
އުފަން ދުވަހަކީ އަހަރަކު 1 ފަހަރު އަންނަ މުނާސަބާއަކަށްވީތީ ކޮންމެހެންވެސް ޕާޓީ ބޭއްވުމާ، ދުރު ހިސާބުތަކުގައި ތިބި މައިންބަފައިންގެ ގާތަށް ކުރާ މަދު ދަތުރުތައް ކުރުމާ މިފަދަ ކަންކަމާ ދުރުހެލިވާންޖެހެއެވެ. ރައްޓެއްސަކު ގުޅާލާ ކޮންމެ ފަހަރަކު ކެފޭ/ރެސްޓޯރަންޓުތަކަށް ގޮސް ކޮފީތަކަށް އެރުންވެސް ހުއްޓާލަންޖެހެއެވެ. ޑރ ގުޕްތާ ބުނި ގޮތުގައި ޚުދު އޭނާވެސް ވަނީ އޭނާގެ ދަރިފުޅުގެ އުފަން ދުވަހުގެ ޕާޓީ ކެންސަލްކޮށްފައެވެ.
އާންމުންނަށް އިރުޝާދު ދިނުމުގައި އިސްކޮށް ހަރަކާތްތެރިވާ ތަޖުރިބާކާރުން އަމަލީ ގޮތުން މިފަދަ މިސާލުތައް ދެއްކުމަކީ އެނޫން މީހުންވެސް އެފަދަ ކަންކަމަށް އަމަލު ކުރުމަށް ލިބިދޭނެ އިތުރު ހިތްވަރެކެވެ.
ދިވެހިރާއްޖެއަކީވެސް ޒަމާނީ ތަރައްގީއާއިއެކު އިޖުތިމާއީ އެއްވުންތަކާ ކޮފީ މޭޒުދޮށުގައި ވަގުތު ގުނަމުންދާ އާބާދީ ބޮޑު ގައުމެކެވެ. ކޮވިޑް-19ގެ ނުރައްކަލާއެކުވެސް މި އާދަތައް މުޅިން ކަނޑުވާލެވިފައި ނެތުމީ ހިތާމަކުރަންޖެހޭ ކަމެކެވެ. ކަންމިހެން އޮތް ނަމަވެސް، މިހާރުވެސް ބައެ ކެފޭތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދެއެވެ. އެގޮތުން ބައެއް ކެފޭތަކުން ހަމައެކަނި ޓޭކް-އައުޓް ލިބޭއިރު، އަނެއްބައި ފަރާތްތަކުން ދަނީ ވަގުތީ ގޮތުން ހިދުމަތް ހުއްޓާލަމުންނެވެ.