ކުރިޔަށް އޮތް ހަފްތާއެއްގެ މުއްދަތަށް ސަރުކާރު ބަންދު ކުރުމަށް ނިންމީ އެއްވެސް ހާލެއްގައި ކޮފީ ބޮއި މަޖާ ކުރުމަށް ނޫން ކަމަށް ކޮވިޑް19 ގެ މައުލޫމާތު ހިއްސާ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވުމަށް ފަހު އޭނާގެ ކޮފީ ޝޮޕް މެރާކީ ކޮފީ ރޯސްޓާ މިރޭ ބަންދުކޮށްފިއެވެ.

މެރާކީން ކުރި ޓްވީޓެއްގައި ބުނީ މިރޭ ނުވަޔަކުން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް އެ ކޮފީ ޝޮޕް ބަންދު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ކޮފީ ޝޮޕް ބަންދު ކުރުމަށް އެކުންފުނިން ނިންމީ މި ދުވަސްވަރު ކޮވިޑް19 ފެތުރެމުން ދާތީ އާންމުންގެ ރައްކާތެރިކަމަށް ވިސްނާފައި ކަމަށްވެސް ބުންޏެވެ. ގިނަބައެއްގެ މަގްބޫލުކަން ހޯދާފައިވާ އަދި ރާއްޖޭގައި ހުޅުވި އެންމެ ފުރަތަމަ ކޮމާޝަލް ކޮފީ ރޯސްޓާއިން ބުނީ އެ ކޮފީ ޝޮޕުގެ ނިންމުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތުތަކަށް މާފަށް އެދޭ ކަމަށެވެ. އަދި މި ދަނޑިވަޅުގައި އެކަކު އަނެކަކަށް އެއްބާރުލުން ދިނުމަށްވެސް ވަނީ އެދިފައެވެ.

މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ މަބްރޫކް ވިދާޅުވީ ސަރުކާރު ބަންދުކުރިޔަސް އެއީ ކޮފީ ބޯށާއި މޫދަށް ދާން ޖެހޭ ކަމެއް ނޫން ކަމަށެވެ. ސަރުކާރު ބަންދު ކުރަނީ މި ދުވަސްވަރު ކޮވިޑް19 ފެތުރެމުންދާތީ އެކަމުން ރައްޔިތުން ރައްކާތެރި ކުރުމަށްޓަކައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގައި ވެސް ހުންނެވި މަބްރޫކަކީ މީޑިއާއާ ގާތް ގުޅުމެއް ބާއްވަން ގެންދަވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.