ކޮވިޑް19އަށް ޕޮޒިޓިވް ވެފައިވާ ފަރާތަކާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ 3 ދިވެއްސެއްގެ ފުށުން އެ ބައްޔަށް ޝައްކުކުރެވޭ އަލާމާތްތައް ފެނުމުން ސާމްޕަލް ނަގައި، ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނީ އެ ތިން މީހުންވެސް އެކަހެރިކޮށް، މިހާރު ތިބީ ހޯމް އައިސޮލޭޝަންގައި ކަމަށެވެ.

ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ ފަރާތަކާއި ޑައިރެކްޓް ކޮންޓެކްޓްވި ތިން ދިވެއްސެއްގެ ސާމްޕަލް ނަގައި ޓެސްޓުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ދ. ރިއު ހޮޓެލް މޯލްޑިވްސް ރިސޯޓުންވެސް ބިދޭސީއެއްގެ ގައިން ކޮވިޑް19 އަށް ޓެސްޓު ކުރުމަށް ސާމްޕަލް ވަނީ ނަގާފައެވެ.

އަދި ލަންކާއިން އައި ހިންނަވަރު މީހަކު ޓެސްޓް ކުރުމަށް ސާމްޕަލް ނަގާފައިވާއިރު، ކޮވިޑް19 އަށް ޝައްކު ކުރެވިގެން ދ. ކުޑަހުވަދޫ އިންނާއި އަދި އައްޑޫސިޓީ ހިތަދޫ އިންވެސް ދިވެއްސެއްގެ ސާމްޕަލްވަނީ ނަގާފައެވެ. އޭގެ އިތުރުން އަވަށްޓެރި އިންޑިއާއިން އައި ފަސް ދިވެއްސެއްގެ ސާމްޕަލްވެސް ވަނީ ނަގާފައެވެ.

ކޮވިޑް19 އަށް ރާއްޖެއިން މިހާތަނަށް 13 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެ އެންމެންނަކީ ވެސް ހުސް ބިދޭސީންނެވެ. އޭގެތެރޭގައި ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނާއި ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައިވާ ފަތުރުވެރިންވެސް ހިމެނެއެވެ. މީގެއިތުރުން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ސަރުކާރުން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަށް އިއުލާން ކޮށްފައެވެ.