ދ. ރިއު ހޮޓެލް މޯލްޑިވްސް ރިސޯޓުން ބިދޭސީއެއްގެ ގައިން ކޮވިޑް-19 އަށް ޓެސްޓު ކުރަން ސާމްޕަލް ނަގައިފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރި ބިދޭސީޢެއްގެ ގައިން ސާމްޕަލް ނަގާފައިވާ ކަމަށެވެ. ޓެސްޓްގެ ނަތީޖާ ލިބެންދެން އެމީހާ ހޯމް އައިސޮލޭޝަނަށް އަދި އެ ރިސޯޓު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި ރާއްޖެއަށް އެނބުރި އައިސްފައިވާ ދިވެހިންތަކެއްގެ ގައިން މިބައްޔަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިގެން ވަނީ ސާމްޕަލް ނަގާފައެވެ. އެގޮތުން އިންޑިއާއިން އައި 5 މީހުންނާއި ލަންކާއިން އައި 2 ދިވެހިން ހިމެނެއެވެ.

އިންޑިއާއިން އައި ދިވެހިންގެ ތެރެއިން އަލާމާތް ފެނި ސާމްޕަލް ނަގާފައިވާއިރު ޓްރިވެންޑްރަމްއަށް ދަތުރުކޮށްފައިވާ މީހަކު ދ. ކުޑަހުވަދޫންނާއި އއ. އުކުޅަހުން ވަނީ ފެނިފައެވެ. އިންޑިއާގެ ކޮޗިންނަށް ދަތުރުކޮށްފައިވާ މީހަކު ސ. ހިތަދޫންނާއި، ރ. ފައިނުން ވަނީ ފެނިފައެވެ. އަދި އިންޑިއާގެ ބެންގަލޫރަށް ދަތުރުކުރި މީހަކު މާލެއިން ވަނީ ފެނިފައެވެ.

މިހާތަނަށް ރާއްޖޭގައި މިބަލި ޖެހިފައިވަނީ ބިދޭސީންނަށެވެ. ޖުމްލަ 13 ފަރާތެއް ޕޮޒިޓީވްވެފައި ވާއިރު 8 ފަރާތަކީ ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައިސްފައިވާ ފަތުރުވެރިންނެވެ.

މި ބައްޔަށް ކަރަންޓީން ކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން ފަރުކޮލު ފުސީގައި މިހާރު 25 މީހުންނާއި ހުޅޫލޭ އައިލެންޑް ހޮޓެލްގައި 27 މީހުން އެބަ ތިއްބެވެ.