ލަންކާއިން އައި ހިންނަވަރު މީހަކު ޓެސްޓް ކުރާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
މިހާރު ދަރުބާރު ގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ، ލަންކާއިން އައި ހިންނަވަރު މީހަކު ޓެސްޓް ކުރަން ނިންމާފައިވާ ކަމަށެވެ.
އޭނާ ޓެސްޓް ކުރަނީ އޭނާގެ ފަރާތުން ކޮވިށް-19 އަށް ޝައްކުވާ އަލާމާތްތައް ފެނުމުން ކަމަށައި އެމީހާ މިހާރު ވަނީ އެކަހެރިކޮށްފައި ކަމަށް މަބްރޫކް ވިޑާޅުވިއެވެ. އެމީހާގެ ސާމްޕަލް މިހާރު ނަގާފައި ވާއިރު އަދި ޓެސްޓްތަކުގެ ނަތީޖާ ނުލިބެއެވެ.
މަބުރޫކު ވިދާޅުވި ގޮތުގައި މިހާރު ސަރުކާރުން އަމަލު ކުރާ ގޮތަކީ ކިރިޔާ ވެސް އަލާމާތެއް ފެނި، ޓްރެވެލް ހިސްޓްރީއެއް ހުރެއްޖެނަމަ އެމީހަކު ޓެސްޓްކުރާ ގޮތަށް ކަމަށެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ އަލާމާތަށް ފެނިގެން މީހަކު ގޭގައި އެކަހެރިކުރި ނަމަވެސް އެއީ މުޅި އެ ހިސާބުގައި ދިރިއުޅޭ މީހުން ހާސްވާން ޖެހޭ ކަމެއް ނޫން ކަމަށާއި މުޅި އެ ހިސާބަށް ބަލި ފެތުރޭނެ ކަމެއް ވެސް ނޫން ކަމަށެވެ. ކިރިޔާ ވެސް އަލާމާތެއް ފެނުމުން ޓެސްޓް ކުރަނީ ރައްކާތެރިވުމުގެ ގޮތުން ކަމަށެވެ. އެއްވެސް ނުރައްކަލެއް ބަޔަކަށް އޮތްނަމަ އެކަން ހާމަ ކުރައްވާނެ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ހިންންވަރު މީހަކު ޓެސްޓް ކުރުމަށް ސާމްޕަލް ނަގާފައިވާއިރު، ދ. ކުޑަހުވަދޫ އާއި އއ. އުކުޅަހުން އިންޑިއާގެ ޓްރެވެންޑްރަމަށް ދަތުރުކޮށްފައިވާ ދެ މީހެއްގެ ފަރާތުން ވެސް އަލާމާތްތައް ފެނިފައިވާތީ އެމީހުން ވެސް ވަނީ އެކެހެރިކޮށްފައެވެ. ދެން އެކަހެރިކޮށްފައިވަނީ ރ. ފައިނުގް އިންޑިއާގެ ކޮޗިންއަށް ދަތުރުކޮށްފައި އައި މީހެކެވެ.
ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ކޮވިޑް-19އަށް 13 މީހަކު ވަނީ ރާއްޖެއިން ޕޮޒިޓިވް ވެފައެވެ. މި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން 8 މީހުން ރާއްޖެ އައި އިރުވެސް އެ ވައިރަސް ހަށިގަނޑުގައި ހުރިކަމަށް ބެލެވޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ދެން ޕޮޒިޓިވްވި 5 މީހުންނަކީ ކުރެއްދޫއަށް ޗުއްޓީ ހޭދަކުރަން އައި އިޓަލީ މީހާގެ ގައިން މި ބަލި ޖެހިފައި ތިބި މީހުންނެވެ. ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 6 ފިިރިހެނުންނާއި 7 އަންހެނުންނެވެ.
ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އިޓަލީގެ 9 މީހަކާއި، ތުރުކީގެ މީހަކާއި، ސައުތް އެފްރިކާގެ މީހެއްގެ އިތުރުން ޖަރުމަނުގެ މީހަކާއި އިންގްލޭންޑް މީހެކެވެ. އެންމެ ފަހުން މި ބައްޔަށް ޓެސްޓު ކުރި ދެ ދިވެހިންގެ ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ.