މިހާރު ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން އެ ބަލީގެ އަލާމާތް ހުންނަ މީހުން ބޭނުންކުރަން ޒަމްޒަމް ފެން ފުޅިއަކާއި ދުއާ ފޮތެއް ހިލޭ ދިނުމަށް ނިންމާފައިވާ ކަމަށް ޓްރެވަލް އެޖެންސީއެއް ކަމުގައިވާ އެލްކަސާސްއިން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމަތު ދެއްވަމުން އެލްކަސާސް ޓުއާސްގެ ސީއީއޯ އަލީ ޝަރީފް ވިދާޅުވީ، މައްކާއާއި މަދީނާއަށް ކުރާ ދަތުރުތަކުގައި ޓްރެވެލް އެޖެންސީއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އެ ކުންފުނީގެ މަސައްކަތްތައް ކޮވިޑް-19 ގެ ފިޔަވަޅުތަކާ ގުޅިގެން މިވަގުތު ހުއްޓިފައިވާ ކަމަށެވެ. ނަމަވެސް މި ދުވަސްވަރު ރާއްޖޭގައި މި ބަލި ފެތުރެމުން ދާތީ އާއި މި ބަލީގެ އަލާމާތް ހުންނަ ފަރާތްތައް ފެންނަމުން ދާތީ އެ ފަރާތްތަކަށް ޒަމްޒަމް ފެން ފުޅިއަކާއި ދުއާ ފޮތެއް ހިލޭ ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ޒަމްޒަމް ފެން ދިނުމަށް ހަމަޖެހިފައިވަނީ މިބަލީގައި ބަލިވެ އުޅޭ މީހުންނަށާއި ބަލީގެ އަލާމާތް ހުންނަ ފަރާތްތަކަށް އެކަންޏެވެ. ނަމަވެސް ކޮންމެ ފަރާތަކަށްވެސް ހިލޭ ދުއާ ފޮތް ދިނުމަށް ވަނީ ނިންމާފައި ކަމަށާއި އެލްކަސާސްއަށް ގުޅައިގެން ޒަމްޒަމް ފެނާއި ދުއާ ފޮތް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ބަލީގައި ބަލިކޮށް އުޅޭ މީހުންނަށް އެކަނި މި ފެން ދޫކުރާނީ. އެހެންވީމަ ވަރަށް ރަނގަޅު ފެން ބަލާ އަންނަ ފަރާތްތަކުންވެސް މި ކަމަށް ސަމާލުވެލެއްވިއްޔާ. އެއީ އަޅުގަނޑުމެންގެ އަތުގައި ހުރި ފެންފޮދު އެފަރާތްތަކަށް ދިނުމަށް މި ނިންމީ ދެން އަވަހަށް ޒަމްޒަމް ފެން ލިބޭކަށް ނެތް. އެހެންވީމަ ބަލިވެ އުޅޭ މީހުންނަށް މިދެނީ"
އަލީ ޝަރީފް

ދުއާ ފޮތުގައި ޝިފާއަށް އެދި ކުރާނެ ދުއާތައް ހިމެނޭނެ ކަމަށާއި މި ފަދަ ބަލިމަޑުކަމެއް ފެތުރެމުންދާ ދަނޑިވަޅެއްގައި މި ދުއާ ފޮތްތައް އާންމުނަށް ހިލޭ ފޯރުކޮށް ދިނުމަށް ނިންމާފައި ވަނީ މި ބަލިން އަވަސް ޝިފާއެއް ލިބުމަށާއި މި ބަލިމަޑުކަމުން އަވަހަށް ސަލާމަތްވުމަށް އެދޭތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ދުއާ ފޮތްތައް ހުސްވާ ވަރަކުން ޗާޕްކުރަމުން ދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް ޒަމްޒަމް ފެން ހުރީ މަދުން ކަމަށް ވާތީ ހިލޭ ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ މީހަކަށް ކުޑަ ފެންފުޅިއެއް ކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.

ފެންފުޅިއާއި ދުއާ ފޮތް ބޭނުންވާ ފަރާތްތަކުން އެ ކުންފުނީގެ ނަންބަރު 7761188 އަށް ގުޅުމުން އެކަން ހަމަޖެހޭނެއެވެ.