މިއަދުގެ އިރުއޮއްސި 6:00 އާ ހަމައަށް ހޮސްޕިޓަލުގައި ޖުމްލަ 5 މީހުންނަށް ފަރުވާ ދެމުން ދާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުގެ ފަރާތަކަށް ފޮނުވި މެސެޖުގައި ބުނެފިއެވެ.
އެޗްޕީއޭ އިން އާންމުންގެ މީހެއްގެ ފޯނަށް ފޮނުވި އެ މެސެޖުގައި ވަނީ، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކޮވިޑް-19 އަށް އިތުރު ފަރާތެއް ޕޮޒިޓިވް ވެފައި ނުވާ ކަމަށެވެ. މިހާތަނަށް މި ބައްޔަށް 13 ފަރާތެއް ޕޮޒިޓިވް ވެފައިވާ އިރު ކަރަންޓީންގައި 15 ފަރާތެއް އެބަ ތިބި ކަމަށާއި އައިސޮލޭޝަންގައި 23 ފަރާތެއް ތިބި އިރު ހޮސްޕިޓަލުގައި 5 ފަރާތެއް ތިބިކަމަށްވެސް އެ މެސެޖުގައި ވެއެވެ.
މިއީ މިއަދު 6:00 ގެ ފަހުން އާންމުންގެ ފޯނަށް އެޗްޕީއޭއިން ފޮނުވާ މެސެޖްތަކުގެ ތެރެއިން އައި މެސެޖެކެވެ. މިކަމާ ގުޅިގެން އަދި އެޗްޕީއޭގެ ބަހެއް ލިބިފައެއް ނުވެއެވެ.
ދަރުމަވަންތަަ ހޮސްޕިޓަލުގެ، ޑީއެޗް11 ގައި 2 މީހަކާއި ޑީއެޗް16 ގައި 2 މީހަކު ފަރުވާ ހޯދަމުން ދާ ކަމަށް ކުރިން އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެހެންކަމުން މިއަދު ހޮސްޕިޓަލުގެ އިތުރު ކޭސްއެއް މިވަނީ އައިސްފައެވެ.
ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ކޮވިޑް-19އަށް 13 މީހަކު ވަނީ ރާއްޖެއިން ޕޮޒިޓިވް ވެފައެވެ. ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ކޮވިޑް-19އަށް 13 މީހަކު ވަނީ ރާއްޖެއިން ޕޮޒިޓިވް ވެފައެވެ. މި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން 8 މީހުން ރާއްޖެ އައި އިރުވެސް އެ ވައިރަސް ހަށިގަނޑުގައި ހުރިކަމަށް ބެލެވޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ދެން ޕޮޒިޓިވްވި 5 މީހުންނަކީ ކުރެއްދޫއަށް ޗުއްޓީ ހޭދަކުރަން އައި އިޓަލީ މީހާގެ ގައިން މި ބަލި ޖެހިފައި ތިބި މީހުންނެވެ. ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 6 ފިިރިހެނުންނާއި 7 އަންހެނުންނެވެ.
ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އިޓަލީގެ 9 މީހަކާއި، ތުރުކީގެ މީހަކާއި، ސައުތް އެފްރިކާގެ މީހެއްގެ އިތުރުން ޖަރުމަނުގެ މީހަކާއި އިންގްލޭންޑް މީހެކެވެ. އެންމެ ފަހުން މި ބައްޔަށް ޓެސްޓު ކުރި ދެ ދިވެހިންގެ ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ.