މިމަހު މިހާތަނަށް ރާއްޖެ އަށް 56،000 ފަތުރުވެރިން އައްިފައި ވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން، މިމަހު މިހާތަނަށް 56،838 މީހުން ވަނީ ރާއްޖެ އެތެރެވެފައެވެ. މިއީ މިދިޔަ އަހަރުގެ މާޗް މަހުގެ މުމުއްދަތާ އާޅާބަލާއިރު 30 ޕަސެންޓް މަދު އަދަދެކެވެ. އެގޮތުން، މިދިޔަ އަހަރު މާޗްމަހުގެ މުމުއްދަތުގައިި ރާއްޖެ އަށް 81،805 ފަތުރުވެރިން ވަނީ އައިސްފައެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، މިދިޔަ ޖެނުއަރީ މަހުން ފެށިގެން އިއްޔެއާ ހަމައަށް ޖުމްލަ 379،971 ފަތުރުވެރިން ރާއްޖެ އެތެރެވެފައިވާ ކަމަށެވެ. މިއަހަރުގެ ފަތުރުވެރިކަން 8 ޕަސަންޓު ކުރިއަރާނެ ކަމަށް ސަރުކާރުން ކުރިން އަންދާޒާ ކޮށްފައިވީ ނަމަވެސް، ކޮރޯނާވައިރަހާ ގުޅިގެން ބުކިންތައް ކެންސަލްވަމުން ދާ ނިސްބަތަށް ބަލާއިރު، މިއަހަރުގެ ތެރޭގައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު 12 ޕަސަންޓާއި 35 ޕަސަންޓާ ދެމެދުގެ މިންވަރަކަށް ދަށަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ފަތުރުރުވެރިކަމަށް މިހާ ބޮޑު ހީނަރުކަމެއް އައިސްފައި ވަނީ ކޮވިޑް-19އާ ގުޅިގެންނެވެ. އެގޮތުން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ވަނީ 161740 ބެޑް ނައިޓް ކެންސަލް ވެފައެވެ.

ކޮވިޑް-19 އާ ގުޅިގެން ބައެއް ގައުމުތަކުން ރާއްޖެ އެތެރެވުން ވަނީ މަނާކޮށްފައެވެ. ރާއްޖެއަށް މީހުން އެތެރެވުން މަނާކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ޗައިނާ، އިރާނު، އިޓަލީ، ބަންގްލަދޭޝް، ޔޫކޭ، މެލޭޝިއާގެ އިތުރުން ސްޕެއިން ހިމެނެއެވެ. އަދި ސައުތް ކޮރެއާގެ ޑޭޔުން އަދި ޖެޔުން ގޮކް އިން އާއި ޖަރުމަނުގެ ބަވާރިއާ، ނޯތް ރައިން ވެސްޓްފޭލިއާ އަދި ބޭޑެން ވިރްތަމްބާގްގެ އިތުރުން ފްރާންސްގެ އިލް ޑި ފްރާންސާއި ގްރޭންޑް އެސްޓް ވެސް މީގެ ތެރޭގައި ހިމެނެއެވެ.

ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން 13 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 5 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 2 ބިދޭސީއަކާއި ސަފާރީއަކުން 2 ބިދޭސީއެކެވެ. މިހާތަނަށް ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.

ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އިޓަލީގެ 9 މީހަކާއި، ތުރުކީގެ މީހަކާ، ސައުތް އެފްރިކާގެ މީހެއްގެ އިތުރުން ޖަރުމަނުގެ މީހަކާއި އިންގްލޭންޑް މީހެކެވެ. އެންމެ ފަހުން މި ބައްޔަށް ޓެސްޓު ކުރި ދެ ދިވެހިންގެ ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ.