ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ރާއްޖޭގައިވެސް ފެތުރެން ފަށާފައި ވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީގޮތުން ރައްކާތެރި ވުމަށް، ރަށުގެ ކައުންސިލަރުންނާއި އާންމުން އިސްނަގައިގެން ސާފުތާހިރު ވުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.

އެގޮތުން ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ގއ. ކޮނޑޭގެ ކައުންސިލާއި ރައްޔިތުން އިސްނަގައިގެން އެރަށުގެ ބަނދަރުގައި އަތްދޮވުމަށްޓަކައި ތަށި ބެހެއްޓުމަށް ފެންހޮޅި އެޅުމުގެ މަސައްކަތުގައި އަންހެނުން ހަރަކާތްތެރި ވި ފޮޓޯތަކެއް ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައެވެ.

"ދަ ޕްރެސް"އަށް މައުލޫމާތު ހިއްސާ ކުރަމުން ކޮނޑޭގެ ކައުންސިލްގެ އަންހެން މެންބަރު ކަމަށް ކުރިމަތިލާފައިވާ އަދި ރަށުގެ ތަރަށްގީއަށް ކުރާ ކޮންމެ ކަމެއްގައި ބައިވެރިވާ، ޝާމާ މުހައްމަދު ކިޔައިދިން ގޮތުގައި ކޮނޑޭގެ ރައްޔިތުންނަކީ ރަށުގައި ކުރާ އިޖުތިމާއީ ކޮންމެ މަސައްކަތެއްގައި ވެސް އެހީތެރިވުމަށް ނިކުންނަ ބައެކެވެ. އަންހެނުންނާއި ފިރިހެނުން އެއްކޮށް ރަށަށްޓަކައި، ރަށުގެ ފައިދާ އަށާއި ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށް އެހީތެރިވާ ބައެއް ކަމަށްވެސް އޭނާ ކިޔައިދިނެވެ.

ކޮނޑޭގެ ކައުންސިލާއި ރައްޔިތުން ގުޅިގެން އަތްދޮންނަ ތަށި ބެހެއްޓުމަށް ހޮޅި ވަޅުލުމުގެ މަސައްކަތުގައި ބައިވެރިވަނީ

ޝާމާ ކިޔައިދިން ގޮތުގައި އަތް ދޮންނަ ތަށި ބެހެއްޓުމަށް ފެން ހޮޅިލުމަށް ކޯރު ކޮނުމުގައި އަންހެނުން ބައިވެރި ވީ، ފެން ލައިން ގެނައުމަށް ކޮންނަން ޖެހޭ ހިސާބު ދުރުވުމުން ކަމަށެވެ. އަތް ދޮވުމަށް ރަށުގެ ބަނދަރުގައި ދެ ތަނެއް ހަދާފައި ވާއިރު، އެއް ތަނަކީ ޖެޓީއިން އަރާތާ ކައިރީގައި ހަދާފައިވާ ތަނެއް ކަމަށާއި އެތަނަކީ ރަށަށް އަރާފައިބާ މީހުންގެ ރައްކާރެތި ކަމަށް ހަދާފައިވާ ތަނެއް ކަމަށް އޭނާ ބުންޏެވެ. އަދި ދެވަނަ އަށް ހަދާފައިވާ ތަނަކީ ރަށުގެ ބަނދަރު ހިޔާ ކައިރީ، އާންމުންނަށް ފަސޭހަ ވާނެހެން ހަދާފައިވާ ތަނެއް ކަމަށްވެސް ޝާމާ ކިޔައިދިނެވެ.

600 އެއްހާ މީހުން ދިރިއުޅޭ ކޮނޑޭގެ އަންހެނުންނަކީ މީގެ ކުރިންވެސް މިފަދަ މަސައްކަތެއްގައި ބައިވެރިވާ ބައެއްކަން ފާހަގަ ކުރެވެއެވެ.

ކޮނޑޭގެ ކައުންސިލާއި ރައްޔިތުން ގުޅިގެން ހަދާފައިވާ އަތްދޮންނަ ތަށި

ރަށަށް އަރާ ފައިބާ މީހުންނާއި ރަށުގެ ރައްޔިތުންގެ ރައްކާތެރިކަމަށް ކޮނޑޭގައި މިފަދަ މަސައްކަތެއް ކުރެވެމުން ދާއިރު، ދިވެހިންގެ އެއްބައިވަންތަކަމަކީ، ޖެހޭ ކޮންމެ ބޮޑު ކަމަކަށް ވިޔަސް އަދި ކުޑަކަމެއް ކަމަށް ވިޔަސް އެ ވަގުތެއްގައި ވެވެން އޮތް ވަރަކުން އެހީތެރިކަން ފޯރުކޮށް ދިނުމުގައި ލާމަސީލު ނަމޫނާއެކެވެ. އެގޮތުން މި ދަނޑިވަޅުގައި މާލޭގެ ބައެއް ފަރާތްތަކުން ގޭގެ ކުލި ކުޑަކޮށްދިނުމާއި ހޮސްޕިޓަލަށް ހިލޭ ކާރުގައި ގެންގޮސްދިނުން ފާހަގަ ކުރެވެއެވެ.

ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ކޮވިޑް-19އަށް 13 މީހަކު ވަނީ ރާއްޖެއިން ޕޮޒިޓިވް ވެފައެވެ. މި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން 8 މީހުން ރާއްޖެ އައި އިރުވެސް އެ ވައިރަސް ހަށިގަނޑުގައި ހުރިކަމަށް ބެލެވޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ދެން ޕޮޒިޓިވްވި 5 މީހުންނަކީ ކުރެއްދޫއަށް ޗުއްޓީ ހޭދަކުރަން އައި އިޓަލީ މީހާގެ ގައިން މި ބަލި ޖެހިފައި ތިބި މީހުންނެވެ. ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 6 ފިިރިހެނުންނާއި 7 އަންހެނުންނެވެ.

ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އިޓަލީގެ 9 މީހަކާއި، ތުރުކީގެ މީހަކާއި، ސައުތް އެފްރިކާގެ މީހެއްގެ އިތުރުން ޖަރުމަނުގެ މީހަކާއި އިންގްލޭންޑް މީހެކެވެ. އެންމެ ފަހުން މި ބައްޔަށް ޓެސްޓު ކުރި ދެ ދިވެހިންގެ ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ.