އާވީ ނޭޗަސް ޕެރެޑައިސް މޯލްޑިވްސް ރިސޯޓުން ބިދޭސީއެއްގެ ގައިން ކޮވިޑް-19 ގެ އަލާމާތްތައް ފެނި ޓެސްޓުކުރި ސާމްޕަލް ނެގެޓިވް ކަމަށް ހެލްތް ޕްރޮޓެކްޗަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ އާދީއްތަ ދުވަހު އެ ރިސޯޓުގައި ހުރި ބިދޭސީއެއްގެ ފަރާތުން ކޮވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން، އެ މީހާ ޓެސްޓުކުރުމުން، އެ މީހާގެ ނަތީޖާ ނެގެޓިވް ވެފައިވާތީ، އެ ރިސޯޓު މިހާރު މޮނިޓަރިންގްގެ ހާލަތުން ނެގިފައިވާ ކަމަށެވެ.

އިޓަލީއިން މީހުން ރާއްޖެ އައުން މަނާކޮށްފައިވާއިރު، ޔޫރަޕްގެ ޖާމަނީ، ފްރާންސް އަދި ސްޕެއިން ވެސް މީހުން އައުންވެސް ވަނީ މަނާކޮށްފައެވެ. އަދި މިއަދު އެ ލިސްޓަށް ސަރުކާރުން ވަނީ މެލޭޝިއާ އާއި އިނގިރޭސި ވިލާތް އިތުރުކޮށްފައެވެ.

ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ކޮވިޑް-19އަށް 13 މީހަކު ވަނީ ރާއްޖެއިން ޕޮޒިޓިވް ވެފައެވެ. މި ބައްޔަށް 8 ގެސްޓަކު ޕޮޒިޓިވް ވެފައިވާ އިރު އެމީހުން ރާއްޖެއަށް އައި އިރުވެސް އެ ވައިރަސް ހަށިގަނޑުގައި ހުރިކަމަށް ބެލެވޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ދެން ޕޮޒިޓިވްވި 5 މީހުންނަކީ ކުރެއްދޫއަށް ޗުއްޓީ ހޭދަކުރަން އައި އިޓަލީ މީހާގެ ގައިން މި ބަލި ޖެހިފައި ތިބި މީހުންނެވެ. ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 6 ފިިރިހެނުންނާއި 7 އަންހެނުންނެވެ.

ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އިޓަލީގެ 9 މީހަކާއި، ތުރުކީގެ މީހަކާއި، ސައުތް އެފްރިކާގެ މީހެއްގެ އިތުރުން ޖަރުމަނުގެ މީހަކާއި އިންގްލޭންޑް މީހެކެވެ. އެންމެ ފަހުން މި ބައްޔަށް ޓެސްޓު ކުރި ދެ ދިވެހިންގެ ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ.