ރާއްޖޭގެ ހުރިހާ ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތަކަށް މިއަދުން ފެށިގެން ގެސްޓުން ގެނައުން ސަރުކާރުން މަނާކޮށްފިއެވެ.
މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނިންމާފައި ވަނީ، މިއަދު އިރުއޮއްސި 6:00 އިން ފެށިގެން ރާއްޖޭގެ އެއްވެސް ގެސްޓްހައުސަކަށް ޓޫރިސްޓުން ޗެކިންވުން މަނާކުރުމަށް ކަމަށެވެ. އަދި އެއް ރަށުން އަނެއް ރަށަށް ޓޫރިސްޓުންނަށް ނުދެވޭނެ ކަމަށް ވެސް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ. ނަމަވެސް މިހާރު ގެސްޓްހައުސްތަކުގައި ތިބި ގެސްޓުންއަށް ބުކިންގެ މުއްދަތު ހަމަވަންދެން މަޑު ކުރެވޭނެ ކަމަށެވެ.
ސަރުކާރުން މިއަދު ހުރިހާ ގެސްޓްހައުސްއެއް ބަންދުކުރިއިރު މީގެކުރިން މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކަށް ގެސްޓުން ގެނައުން ސަރުކާރުން އޮތީ މަނާކޮށްފައެވެ. މީގެކުރިން ބައެއް ރަށްރަށުން އަމިއްލައަށް ގެސްޓުން ގެނައުން ވަނީ ހުއްޓާލާފައެވެ. އޭގެ ތެރޭގައި އއ. ތޮއްޑޫ އާއި ރަސްދޫ ހިމެނެއެވެ. އަދި އެ އަތޮޅުގެ މަތިވެރިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ ދެ މީހަކު ވަނީ ފެނިފައިވާއިރު، އެ ރަށް މިހާރު އޮތީ މީހުން އަރާ ފޭބުން ވަނީ ހުއްޓުވާފައެވެ. ދެ މީހުންގެ ނަތީޖާ އަދި ނުލިބެއެވެ.
ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން 13 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 5 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 2 ބިދޭސީއަކާއި ސަފާރީއަކުން 2 ބިދޭސީއެކެވެ. މިހާތަނަށް ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.
މި ބައްޔަށް ޖުމްލަ 8 ގެސްޓަކު ޕޮޒިޓިވް ވެފައިވާ އިރު އެމީހުން ރާއްޖެއަށް އައި އިރުވެސް އެ ވައިރަސް ހަށިގަނޑުގައި ހުރިކަމަށް ބެލެވޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ދެން ޕޮޒިޓިވްވި 5 މީހުންނަކީ ކުރެއްދޫއަށް ޗުއްޓީ ހޭދަކުރަން އައި އިޓަލީ މީހާގެ ގައިން މި ބަލި ޖެހިފައި ތިބި މީހުންނެވެ. ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 6 ފިިރިހެނުންނާއި 7 އަންހެނުންނެވެ.
ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އިޓަލީގެ 9 މީހަކާއި، ތުރުކީގެ މީހަކާ، ސައުތް އެފްރިކާގެ މީހެއްގެ އިތުރުން ޖަރުމަނުގެ މީހަކާއި އިންގްލޭންޑް މީހެކެވެ. އެންމެ ފަހުން މި ބައްޔަށް ޓެސްޓު ކުރި ދެ ދިވެހިންގެ ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ.