ފިލިޕީންސްގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން ފިލިޕީންސްގެ ސަރުކާރުގެ ނިންމުންތަކާއި އެންގެންތަކަށް ސަމާލު ވުމަށް ފޮރިން މިނސްޓްރީން އަންގައިފިއެވެ.

މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދާތީ، ފިލިޕީންސްގެ ސަރުކާރުން ވަނީ 15 މާރިޗު 2020 އިން 14 އޭޕްރިލް 2020 އަށް އެ ގައުމުގެ ވެރިރަށް މެނީލާއަށް ވަދެ ނުކުތުން ވަގުތީގޮތުން މަނާކޮށްފައެވެ. އަދި އެ ގައުމުގެ އެލާޓް ލެވެލް "ކޯޑް ރެޑް ސަބް ލެވެލް 2" އަށް ވަނީ މަތިކޮށްފައެވެ.

ފޮރިން މިނިސްޓްރީން ބުނީ، އެ ގައުމުގެ ވެރިރަށް މެނީލާއަށް ވަދެ ނުކުތުން މަނާކޮށްފައި ވާއިރު، މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ރޭގަނޑު 8:00 އާއި ފަތިހު 5:00 އާ ދޭތެރޭ، މެޑިކަލް ބޭނުމަކަށް އަދި އެމަޖަންސީ ހާލަތްތަކުގައި ނޫނީ މެނީލާގެ ރައްޔިތުން ގެއިން ބޭރަށް ނުކުތުން ފިލިޕީންސްގެ ސަރުކާރުން ވަނީ މަނާކޮށްފައި ކަމަށެވެ. އެހެން ނަމަވެސް މެނީލާއިން ބައިނަލްއަގްވާމީ ވައިގެ މަގުން ދަތުރުފަތުރު ކުރުން ހުއްޓާލާފައި ނުވާކަން ފޮރިން މިނިސްޓްރީން ފާހަގަކުރިއެވެ.

އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، ފޮރިން މިނިސްޓްރީގައާއި އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރަޖިސްޓާ ކުރުމަށްވެސް އެ މިނިސްޓްރީން އިލްތިމާސް ކުރެއެވެ. އެގޮތުން، ފިލިޕީންސްއަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ފިލިޕީންސްގައި ދިރިއުޅޭ ދިވެހި ރައްޔިތުން ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގައި ރަޖިސްޓާ ކުރުމަށް ފޮރިން މިނިސްޓްރީން އެދެއެވެ.

ހަމައެހެންމެ، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ހާއްސަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގައި އެ މިނިސްޓްރީއިން ފާހަގަކުރެއެވެ.