އއ. މައިތިވެރިން ކޮވިޑް-19އަށް ޝައްކުވާ އަލާމާތްތަކެއް ފެނުނު ބިދޭސީ ދެ ކުދިންނާއެކު އެ އާއިލާގެ އެހެން މެންބަރުން ވެސް ފަރުކޮޅުފުއްޓަށް ގެންގޮސް އެކަހެރިކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މިއަދު ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އެ އާއިލާގެ ހަ މެންބަރަކު ވެސް ފަރުކޮޅުފުއްޓަށް ގެންގޮސްފައިވާއިރު އެމީހުންނާ ކޮންޓެކްޓްވި މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ. އެހެންކަމުން މިހާރު އެރަށް ވަނީ މީހުން އެރުމާއި ފޭބުން މަނާކޮށްފަ މޮނީޓަރިން ހާލަތުގައި ކަމަށެވެ.
ކޮވިޑް-19 އަށް ޝައްކުވާ އެ ދެ ކުދިންގެ ޓެސްޓްތަކުގެ ނަތީޖާ އަދި ނުލިބެއެވެ. އަދި އެ އާއިލާއަކީ ކޮން ގައުމެއްގެ ބައެއް ކަން ވެސް ހާމައެއް ނުކުރެއެވެ.
މިހާތަނަށް ފަރުކޮޅު ފުށީގައި ކަރަންޓީން ތިބި މީހުންގެ އަދަދީ 28 އެވެ. އަދި ހުޅުލޭ އައިލެންޑް ހޮޓެލްގައި 15 މީޙުން އެބަތިބި ަކަމށް އެޗްޕީއޭއިން ބުނެއެވެ.
މިހާތަނަށް ކޮވިޑް-19އަށް 13 މީހަކު ރާއްޖެއިން ވަނީ ޕޮޒިޓިވް ވެފައެވެ. މި ބައްޔަށް 8 ގެސްޓަކު ޕޮޒިޓިވް ވެފައިވާ އިރު އެމީހުން ރާއްޖެއަށް އައި އިރުވެސް އެ ވައިރަސް ހަށިގަނޑުގައި ހުރިކަމަށް ބެލެވޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ދެން ޕޮޒިޓިވްވި 5 މީހުންނަކީ ކުރެއްދޫއަށް ޗުއްޓީ ހޭދަކުރަން އައި އިޓަލީ މީހާގެ ގައިން މި ބަލި ޖެހިފައި ތިބި މީހުންނެވެ. ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 6 ފިިރިހެނުންނާއި 7 އަންހެނުންނެވެ.
ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އިޓަލީގެ 9 ފަތުރުވެރިއަކާއި، ތުރުކީގެ ފަތުރުވެރިއަކާއި، ސައުތް އެފްރިކާގެ ފަތުރުވެރިއެއްގެ އިތުރުން ޖަރުމަނުގެ ފަތުރުވެރިއަކާއި އިންގްލޭންޑް ފަތުރުވެރިއެކެވެ. އެންމެ ފަހުން މި ބައްޔަށް ޓެސްޓު ކުރި ދެ ދިވެހިންގެ ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ.