ޔޫކޭއާއި މެލޭޝިއާއިން ރާއްޖެއަށް މީހުން އައުން ވަގުތީ ގޮތުން މަނާކޮށްފިއެވެ.

މިއަދު ދަރުބާރު ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ، އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ޔޫކޭއިން އަންނަ ބިދޭސީން ރާއްޖެއަށް އައުން ހުއްޓުވަން ނިންމާފައިވާ ކަމަށެވެ. ހަމައެއާއެކު މެލޭޝިއާއިން އަންނަ ބިދޭސީން މިއަދުގެ އިރުއޮއްސި 6:00 އިން ފެށިގެން ރާއްޖެއަށް އައުން ހުއްޓުވަން ނިންމާފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

މި ދެ ގައުމުން ރާއްޖެއަށް މީހުން އައުން މަޑުޖައްސާލާފައިވާއިރު ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވް މީހުންގެ ތެރޭގައި ޔޫކޭގެ ފަތުރުވެރިއެއް ހިމެނެއެވެ.

ކޮވިޑް -19 އާ ގުޅިގެން މީގެ ކުރިންވެސް ސަރުކާރުން ވަނީ ރާއްޖެއަށް މީހުން އައުން ބައެއް ގައުމުތަކުން މެދުކަނޑާލާފައެވެ. އެ ގައުމުތަކަކީ، ޗައިނާ، އިރާން، އިޓަލީ، ބަންގްލަދޭޝް، ސްޕެއިން، ސައުތް ކޮރެއާގެ ދެ ސަރަހައްދަކާއި، ޖަރުމަނުގެ ތިން ސަރަހައްދު އަދި ފްރާންސްގެ ދެ ސަރަހައްދެކެވެ.

މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، މެލޭޝިޔާގެ ސަރުކާރުން ވަނީ 18 މާރިޗު 2020 އިން 31 މާރިޗު 2020 އަށް "މޫވްމަންޓް ކޮންޓްރޯލް އޯޑަރ" ގެ ދަށުން ފިޔަވަޅިތަކެއް އަޅަން ނިންމާފައެވެ. އެގޮތުން ފަތުރުވެރިންނާއި ބިދޭސީން އެ ގައުމަށް ވަނުން މަނާކުރުމާއި މެލޭޝިޔާ ރައްޔިތުން އެ ގައުމުން ބޭރަށް ދިއުން މަނާކުރުން އަދި ބޭރު ގައުމުތަކުގައި އުޅެފައި އެނބުރި މެލޭޝިޔާއަށް ދާ އެ ގައުމުގެ ރައްޔިތުން ހެލްތު ޗެކްއަކަށް ފަހު 14 ދުވަހަށް ކަރަންޓީން ކުރުން ހިމެނެއެވެ.

މިހާތަނަށް ކޮވިޑް-19އަށް 13 މީހަކު ރާއްޖެއިން ވަނީ ޕޮޒިޓިވް ވެފައެވެ. މި ބައްޔަށް 8 ގެސްޓަކު ޕޮޒިޓިވް ވެފައިވާ އިރު އެމީހުން ރާއްޖެއަށް އައި އިރުވެސް އެ ވައިރަސް ހަށިގަނޑުގައި ހުރިކަމަށް ބެލެވޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ދެން ޕޮޒިޓިވްވި 5 މީހުންނަކީ ކުރެއްދޫއަށް ޗުއްޓީ ހޭދަކުރަން އައި އިޓަލީ މީހާގެ ގައިން މި ބަލި ޖެހިފައި ތިބި މީހުންނެވެ. ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 6 ފިިރިހެނުންނާއި 7 އަންހެނުންނެވެ.

ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އިޓަލީގެ 9 ފަތުރުވެރިއަކާއި، ތުރުކީގެ ފަތުރުވެރިއަކާއި، ސައުތް އެފްރިކާގެ ފަތުރުވެރިއެއްގެ އިތުރުން ޖަރުމަނުގެ ފަތުރުވެރިއަކާއި އިންގްލޭންޑް ފަތުރުވެރިއެކެވެ. އެނެމް ފަހުން މި ބައްޔަށް ޓެސްޓު ކުރި ދެ ދިވެހިންގެ ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ. އެއީ ސްޕެއިނުން އައި ދިވެއްސަކާއި، ހުޅުމާލެއިން ކަރަންޓީން ކުރި ދިވެހި މީހާގެ ނަތީޖާއެވެ.