ފުނިޔޭގެ ގިނަ މައުމުތަކުގައި ފެތުރެމުންދާ ކޮވިޑް-19ގެ ސަބަބުން ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ މުސާރައިން 20 ޕަސެންޓް އުނިކުރަން ކެބިނެޓުން މިއަދު ފާސްކޮށްފިއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮވިޑް-19 އަށް ހާއްސަ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމާއި ވަޒީރުން ހިމެނިވަޑައިގަންނަވާ ގޮތަށް ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ތިން ނިންމުމެއް ނިންމާފައިވާ ކަމަށެވެ. އެންމެ ބޮޑު އެއް ނިންމުމަކީ ސަރުކާރުގެ އެކިއެކި ސިޔާސީ މަގާމުތަކުގެ ތިއްބެވި ބޭފުޅުންގެ މުސާރަތައް 20 ޕަސަންޓު ކުޑަކުރަން ނިންމާފައިވާ ނިންމުމެވެ. މުސާރަތައް ކުޑަ ކުރާނީ މި ހާލަތު ނިމެންދެން ކަމެއް ނުވަތަ ނޫން ކަމެއް މަބްރޫކް ހާމައެއް ނުކުރައްވައެވެ.

ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ރާއްޖޭގައިވެސް މިހާރު ފެތުރެމުން އަންނައިރު، ސަރުކާރުގެ ހަރަދުތައް ކުޑަ ކުރުމަށް ނިންމާފައިވާ މި ދަނޑިވަޅުގައި ހަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިގެ 20 ޕަސެންޓް އުނި ކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވެސް ވަނީ ހުށަހަޅާފައެވެ.

ސަރުކާރުން ވިސްނާފައި ވަނީ ހަރަދު ކުޑަކޮށް 1 ބިލިއަން ރުފިޔާ ސަލާމަތް ކުރުމަށެވެ.

ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން 13 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 5 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 2 ބިދޭސީއަކާއި ސަފާރީއަކުން 2 ބިދޭސީއެކެވެ. މިހާތަނަށް ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.