އެކިއެކި ބަލިތަކާ ގުޅިގެން، ދާއިމީކޮށް ބޭސް ކާންޖެހޭ މީހުން، ބޭސް ސިޓީ އާ ކުރުމަށްޓަކައި މި ދުވަސްވަރު ޑޮކްޓަރަށް ނުދެއްކިޔަސް ބޭސް ލިބޭނެ ގޮތް އާސަންދަ އިން ހަމަޖައްސަމުން އަންނަ ކަމަށް ސަރުކާރުން ބުނެފިއެވެ.
ރޭ ދަރުބާރުގޭގައި ބެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ދިގު މުއްދަތަކަށް ބޭސް ކާންޖެހޭ މީހުން ޑޮކްޓަރަށް ނުދެއްކި ނަމަވެސް އޮޓޮމެޓިކުން ބޭސް ސިޓީ އާ ކުރެވޭނެ އުސޫލެއް އާސަންދަ އިން މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން، ކުރިއަށް އޮތް 14 ދުވަހުގެ މުއްދަތަށް ބޭނުންވާ ބޭސް އަންނަ ހޯމަ ދުވަހުން ފެށިގެން އެ އުސޫލުގެ ތެރެެއިން ހަމަޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވި ގޮތުގައި، އެކަމާ ގުޅޭ އިންތިޒާމުތައް އާސަންދައިން މިހާރު އަންނަނީ ހަމަޖައްސަމުންނެވެެ.
އާސްނަދައިން އެކަން ހަމަޖައްސައިދިނީ، ރާއްޖެ އިން ވެސް ކޮވިޑް-19 ފެނި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގިނަ ބަޔަކު އެއްވާ ތަންތަނަށް ނުދިއުމަށް ކަމާ ބެހޭ އިދާރާތަކުން އެންގުމާ ގުޅިގެންނެވެ.
އެ ކުންފުނިން ކުރީގައި ހަމަޖައްސާފައި އޮންނަ ގޮތުން ބޭސް ސިޓީ ދޫކުރާތާ 30 ދުވަހުގެ ތެރޭގައި ބޭސް ނަގަންޖެހޭނެއެވެ. އަދި އެއް ފަހަރާ އެންމެ ގިނަ ވެގެން ބޭސް ނެގޭނީ ތިން މަސް ދުވަހަށް ވާ ވަރަށެވެ. އެ ބޭސް ހުސްވުމުން އަނެއްކާ ވެސް ޖެހޭނީ ޑޮކްޓަރަށް ދައްކައި އަލުން ބޭސް ނަގާށެވެ.
ދިގު މުއްދަތަކަށް ބޭސް ކާންޖެހޭ ބަލިތަކުގެ ތެރޭގައި، ލޭ މައްޗަށް ދިއުމާއި ހަކުރު ބައްޔާއި ކޮލެސްޓްރޯލް ފަދަ ބަލިތައް ހިމެނެއެވެ.
ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން 13 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 5 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 2 ބިދޭސީއަކާއި ސަފާރީއަކުން 2 ބިދޭސީއެކެވެ. މިހާތަނަށް ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.