ބޮޑުކަންނެލީގެ މަސްވެރިކަމުގައި ކުރިމަތިވެފައިވާ މަސް ގަތުމުގެ މައްސަލަ ހައްލުކުރުމަށް 100 މިލިއަން ރުފިޔާގެ ލޯން ފެސިލިޓިއެއް ގާއިމުކުރުމަށް ނިންމައިފިއެވެ.
ފިޝަރީސް މިނިސްޓްރީން ބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުއިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ ގޮތުން މިމަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއިއެކު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.. އެގޮތުން، ފާއިތުވެދިޔަ 5 ދުވަހު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، މޯލްޑިވްސް ސީފުޑް ޕްރޮސެސާސް އެންޑް އެކްސްޕޯޓަސް އެސޯސިއޭޝަނާއި، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އަދި ބޮޑުކަންނެލި ގަނެ އެކްސްޕޯޓްކުރާ ފަރާތްތަކާއިއެކު ކުރެވުނު ސިލްސިލާ މަޝްވަރާތަކަށްފަހު، މަސްވެރިންނާއި މަސް ގަންނަ ފަރާތްތަކުގެ ވިޔަފާރި ދެމެހެއްޓުމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މި މަޝްވަރާތަކުގައި މިވަގުތަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވަނީ، ރާއްޖޭގެ ބޮޑުކަންނެލީގެ މަސްވެރިކަމަށްކަން ފާހަގަކުރެވިފައިވާ ކަމަށް ފިޝަރީސް މިނިސްޓްރީން ބުނެއެވެ. ފިޝަރީސް މިނިސްޓްރީން ބުނީ ދުނިޔޭގެ ބާޒާރުގައި ފިނިކުރި ތާޒާމަހަށް އޮތް ޑިމާންޑް އެތައް ގުނައެއް ދަށްވެގެން ގޮސްފައިވުމާއެކު، މަސްވެރިންނާއި އޮޑިވެރިންގެ އާމްދަނީއަށާއި މަސްވެރިން އަތުން މަސްގަނެ ޕްރޮސެސްކުރާ ފަރާތްތަކުގެ ވިޔަފާރިއަށް މިކަމުގެ ސަބަބުން ހީނަރުކަން އަންނަމުންދާތީކަން އެފަރާތްތަކުން ފާހަގަކޮށްފައިވާ ކަމަށެވެ.
އެހެންކަމުން، ބޮޑުކަންނެލީގެ މަސްވެރިކަމުގައި ކުރިމަތިވަމުންދާ ދަތިތަކަށް ލުޔެއް ހޯދައިދިނުމާއެކު މަސްވެރިކަން ހުއްޓުމަކަށް ނައިސް ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ފަހިކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް އެ މިނިސްޓްރީން ވަނީ އެއްބަސްވެފައެވެ. އެގޮތުން،
- ބޮޑުކަންނެލި ގަނެ އެކްސްޕޯޓްކުރާ ކުންފުނިތަކުން ގަނޑުކުރިމަހުގެ ގޮތުގައި މަސް އެކްސްޕޯޓްކުރުމަށް ބޭނުންވާ ކޭޝް ފްލޯ ފޯރުކޮށްދިނުމަށް 100 މިލިއަން ރުފިޔާގެ ލޯނު ފެސިލިޓީއެއް ގާއިމުކޮށްދިނުން.
- މި ލޯނު ފެސިލިޓީގެ ބޭނުން ހިފާ ކުންފުނިތަކުން -/25 ރުފިޔާއަށްވުރެ ކުޑަ ނޫން އަގެއްގައި މަސް ގަތުން.
- ބޮޑުކަންނެލީގެ މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކުގެ ތެރެއިން، އިންޖީނު ލޯނު ނުވަތަ އޮޑިބަނުމަށާއި މަރާމާތަށް ލޯނެއް ނަގައި ދައްކަމުންދާ ފަރާތްތަކުގެ ލޯނަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ވަކި މުއްދަތެއްގެ ލުޔެއް ހޯދައިދިނުން.
ފިޝަރީސް މިނިސްޓްރީން ބުނީ، މިފިޔަވަޅުތަކުގެ ސަބަބުން، މިހާރު ބޮޑުކަންނެލީގެ މަސްވެރިން ބާނާ މަސް ގަތުމުގައި ކުރިމަތިވެފައިވާ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބިގެންދާނެކަމަށެވެ. އަދި، ކޮވިޑް-19ގެ ނުރައްކަލުން އަރައިގަނެވެންދެން މަސްވެރިންނާއި މަސް ގަންނަ ކުންފުނިތައް ހުއްޓުމަކަށް ނައިސް ހިންގުމަށް މަގުފަހިވެގެންދާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.