ކޮވިޑް-19 އާ ގުޅިގެން ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް އެރުން މަނާކޮށްފައިވާ ދަނޑިވަޅެއްގައި، އިއްޔެގެ މެންދުރުފަހު 1:55 ހާއިރު އައްޑޫ ސިޓީގެ ސައުތް ޕާމް ރިސޯޓްގެ މުވައްޒަފަކު ފަތާފައި އައްޑޫގެ މީދޫއަށް އަރައިފިއެވެ. ފުލުހުން ބުނީ، ކޮވިޑް-19 އާ ގުޅިގެން ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް އެރުން މަނާކޮށްފައި ވަނިކޮށް އޭނާ އެ ގޮތަށް ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެމީހާ ހައްޔަރުކޮށްފައި ވަނީ އައްޑޫގެ ހެލްތް ސެންޓަރަށް ގެންގޮސް ޑޮކްޓަރަށް ދައްކާ ނުރައްކަލެއް ނެތްކަން ކަށަވަރު ކުރުމަށް ފަހު ކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮވިޑް 19 އާ ގުޅިގެން ރިސޯޓު ތަކުން އެހެން ރަށްރަށަށް ދަތުރުކުރުން ހުއްޓާލަން އެޗްޕީއޭއިން އަންގައިފައި ވަނީ މިދިޔަ ހޮނިހިރު ދުވަހެވެ. އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެދުވަހުގެ އިރުއޮއްސި 6:00 އިން ފެށިގެން ރިސޯޓުތަކުން މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް މީހުން ދަތުރުނުކުރުމަށާއި، ރާއްޖޭގެ އެއްވެސް ރަށަކުން ރިސޯޓުތަކަށް މީހުން ދަތުރުކުރުން ހުއްޓާލަން އަންގާ ކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ. އެ ނިންމުން ނިންމާފައިވަނީ 14 ދުވަހުގެ މުއްދަތަށްކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ މަސައްކަތްކުރާ މުވައްޒަފުނަށް ވަޒީފާ އަދާ ކުރުމަށް ރިސޯޓަށް ދެވިދާނެ ކަމަށާއި އެހެންދާ މުވައްޒަފުންވެސް ހިމެނޭގޮތަށް އެއްވެސް މުވައްޒަފަކަށް އެ މުއްދަތުގައި ރިސޯޓުން ފޭބުމުގެ ހުއްދަ ނެތް ކަމަށެވެ. ނަމަވެސް ފަތުރުވެރިން ފުރުވަން އެއާޕޯޓަށް ދާން ޖެހިއްޖެ ހާލަތެއްގައި އެކަމަށްފާ މުވައްޒަފުން ފަތުރުވެރިން ފުރުވާލުމަށްފަހު އަނބުރާ ރިސޯޓަށް އަންނަގޮތަށް، އެ މުވައްޒަފުންނަށް ހުއްދަ ލިބޭނެ ކަމަށެވެ.

ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ރާއްޖެގައިވެސް ފެތުރެން ފަށަފައި ވާ މި ދަނޑިވަޅުގައި، ޓޫރިސްޓުންނަށް ދަތުރު ކުރެވޭނީ އެ އަންނަ ރިސޯޓަކަށް އެކަނި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއި ވަނީ އިއްޔެއެވެ. ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ރާއްޖެއައިސް މާލެއިން ރަށަކަށް ދަތުރުކުރާ އެއްވެސް ފެރީއެއްގައި ޓޫރިސްޓަކަށް ދަތުރު ނުކުރެވޭނެ ކަމަށެވެ.

ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން 13 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 5 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 2 ބިދޭސީއަކާއި ސަފާރީއަކުން 2 ބިދޭސީއެކެވެ. މިހާތަނަށް ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.