ދުނިޔޭގެ އަޖައިބުތަކުގެ ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދަމުން އަންނަ އިންޑިއާގެ ތާޖު މަހަލް ބަންދު ކުރުމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ނިންމައިފިއެވެ.
ޓްވިޓާ މެދުވެރިކުރައްވާ، ކުރެއްވި އިއުލާނެއްގައި އިންޑިއާގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު ޕްރަލާދް ސިންހް ޕަޓޭލް ވިދާޅުވީ، ޓިކެޓް ދީގެން ވަންނަ ހުރިހާ ބިނާތަކަކާއި ދާރުލް އަސާރުތަކަކާ އެނޫންވެސް އެފަދަ ތަންތަން މިއަދުން ފެށިގެން މިމަހުގެ 31ގެ ނިޔަލަށް ބަންދުކޮށްފައި ވާކަމަށެވެ.
ސަންގުމަރުމަރު ހިލައިން ހަދާފައިވާ ތާޖު މަހަލްއަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުން 50000 އެއްހާ މީހުން ދުވާލެއްގެ މައްޗަށް ޒިޔާރަތް ކުރެއެވެ. އިންޑިއާގެ ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ރެކޯޑްތަކަށް ބަލާއިރު 2018 ވަނަ އަހަރު 6.5 މިލިއަން މީހުންވަނީ ތާޖު މަހަލްއަށް ޒިޔާރަތްކޮށްފައެވެ.
ތާޖު މަހަލް ބަންދުކޮށްފައިވަނީ ކޮވިޑް-19ގެ ނުރައްކާ އިންޑިއާގައި ބޮޑުވަމުންދާ ދަނޑިވަޅެއްގައި ކަމަށްވާއިރު، މި ބަލީގައި އެގައުމުން މަރުވި މީހުންގެ އަދަދު ވަނީ 3އަށް އަރާފައެވެ.