ކޮވިޑް-19އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ފުލުހުން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅައިފިއެވެ.
ފުލުހުން ބުނީ، ދުނިޔޭގައި ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ އިގްތިސޯދަށް ކުރަމުންދާ ނޭދެވޭ އަސަރާއެކު ރާއްޖޭގެ އިގްތިސޯދަށް ކުރާ އަސަރު ކުޑަކުރުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ހަރަދު ކުޑަކުރުމުގެ ގޮތުންނާއި، އާއްމު ސިއްހަތު ރައްކާތެރި ކުރުމަށް ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.
ފުލުހުން ބުނީ، ކެއުން ބުއިމުގައި ކުރެވޭ ހަރަދު ކުޑަކުރުމަށާއި، ސިއްހީގޮތުން ގައިންގަޔަށް ބަލި އަރާފާނެ ހުރިހާ ކަމަކުން އެންމެހާ މުވައްޒަފުން ރައްކާތެރިކުރުމަށާއި، ސިއްހަތަށް ފައިދާހުރި ކާނާ ބޭނުން ކުރުމަށް ބާރު އެޅުމުގެ ގޮތުން މިއަދުން ފެށިގެން މާލޭގައި ގާއިމްކޮށްފައިވާ ފުލުހުންގެ މެސްރޫމްތަކުން ކެއުން ހަމަޖައްސަމުން ގެންދާނީ ސެޓް މެނޫއެއްގެ ތެރެއިން ކަމަށެވެ.
ހަރަދު ކުޑަކުރުމުގެ ގޮތުން ފުލުހުން އަޅާފައިވާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް މެދުކަނޑާލުމަށް ވަނީ ނިންމާފައެވެ. އަދި އަތޮޅުތެރޭގައި ކުރާ ދަތުރުތަކުގައި ވެސް ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތައް އެޅުމާއި، ކޮންމެހެން ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ފިޔަވައި އެހެން މަސައްކަތްތައް ހުއްޓާލުން ވެސް މީގެ ތެރޭގައި ހިމެނެއެވެ.
ފުލުހުން ބުނީ، ކަރަންޓާއި ފެނުގެ ހަރަދުތައް ކުޑަކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމާއި، ދައުލަތުގެ ފައިސާ ހަރަދުކޮށްގެން އެއްވެސް މުނާސަބަތެއް ފާހަގަކުރުން ހުއްޓާލުން އަދި ކޭޓަރިން އަށް އޯޑަރު ދޭ އިރު ޑެއިލީ އޯޑަރަށް ބަދަލުކުރުމުގެ އިތުރުން، އަދިވެސް އިތުރު ހަރަދުތައް ކުރުން މަދުކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.
ފުލުހުން ބުނީ އިސްރާފު ނުކުރުމަށާއި، އިތުރު ހަރަދުތައް ހިނގާ ކަންތައް ނުކުރުމުގެ އިތުރުން ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ހުރިހާ މުވައްޒަފުންނަށް މިމަހު 15 ވަނަ ދުވަހު އަންގާފައިވާ ކަމަށެވެ.
މީގެ އިތުރުން، ގިނަ މުވައްޒަފުން އެއްތަނަކަށް އެއްވެ އުޅެން ނުޖެހޭނެފަދައިން މަސައްކަތްތައް ރޭވުމުގެ ގޮތުން ފުލުހުން ކޮންމެ ދުވަހެއްގެ ކޮންމެ ޑިއުޓީއެއް ފެށުމުގެ ކުރިން ބާއްވާ 'މަސްޓާ ޕެރޭޑް' ތައް ބޭއްވުންވެސް ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.