އަހަރުގެ ފެޝަން ކަލަންޑަރަށް ބަލާއިރު އެންމެ ވަރުގަދަ އެއް އިވެންޓްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުން އަންނަ މެޓް ގާލާ ބާއްވާ ތާރީހު ފަސްކޮށްފިއެވެ.

މެޓް ގާލާ އިވެންޓް ކުރިއަށް ގެންދާ ތާރީހު ފަސްކޮށްފައިވަނީ ދުނިޔެއަށް އާންމުވެފައިވާ ބަލިމަޑުކަމެއްގެ ދަރަޖާގައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރެމުންދާތީއެވެ.

މެޓްރޯޕޮލިޓަން މިއުޒިއަމް އޮފް އާޓްގެ ދަ ކޮސްޓިއުމް އިންސްޓިޓިއުޓްއަށް ހާއްސަކޮށްގެން، ގިނަ އަދަދެއްގެ ސެލެބްރިޓީން ބައިވެރިވެގެން ކުރިއަށް ގެންދާ މި އިވެންޓް އިންތިޒާމު ކުރަނީ ކޮންޑެނާސްޓްގެ އެނާ ވިންޓޯއެވެ.

މި އިވެންޓަކީ ކޮންމެ އަހަރެއްގެ މޭ މަހުގެ ފުރަތަމަ ހޯމަ ދުވަހުގެ ކުރިއަށް ގެންދާ ހަރަކާތަކަށްވާއިރު، 2005 ވަނަ އަހަރު އެންމެ އަހަރެއްވެސް ފެއިލްވުމެއް ނެތި، ހަމަ މި ތާރީހުގައި މި އިވެންޓް ވަނީ މިހާތަނަށް ކުރިއަށް ގެންގޮސްފައެވެ.

މިއަހަރު މި އިވެންޓް ކުރިއަށް ގެންދިއުމަށް އެންމެ ފުރަތަމަ ތާވަލުކުރީ މެއި 4 ވަނަ ދުވަހަށެވެ. "އަބައުޓް ޓައިމް: ފެޝަން އެންޑް ޑިއުރޭޝަން" މި ޝިއާރުގެ ދަށުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ މިއަހަރުގެ މެޓް ގާލާ އިވެންޓް ސްޕޮންސާ ކޮށްފައިވަނީ ލަގްޒަރީ ފެޝަން ބްރޭންޑެއް ކަމަށްވާ ލުއި ވިތާންއިންނެވެ.

މިއަހަރުގެ މެޓް ގާލާ ފަސްކޮށްފައިވަނީ މުއްދަތެއް ނެތް ގޮތަށެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒަމާނީ ފެޝަނަށް ލޯބިކުރާ ގިނަ ބަޔަކު ގަވައިދުން ފޮލޯ ކުރަމުންދާ އިވެންޓެކެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ފިޔަވަޅެއްގެ ގޮތުން، މެޓްރޯޕޮލިޓަން މިއުޒިއަމްވެސް އޭޕްރިލް 4 ވަނަ ދުވަހުގެ ނިޔަލަށް ބަންދުކުރުމަށް އެ ފަރާތުން ވަނީ ނިންމާފައެވެ.