މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިން އަލަށް ފެނުނު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ތައްޔާރުކުރަމުންދާ ވެކްސިންތަކުގެ ތެރެއިން ވެކްސިންއެއް، ފުރަތަމަ ފަހަރަށް އިންސާނެއްގެ ހަށިގަނޑުގައި ޓެސްޓުކޮށްފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހަލުވިކަމާއެކު މިރޯގާ ފެތުރި، ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 182555އަށް، މަރުވި މީހުންގެ އަދަދު 7166 އަށް އަރާފައިވަނިކޮށް ކޮވިޑް-19އަށް ހާއްސަކޮށްގެން ތައްޔާރުކުރި ވެކްސިން ފުރަތަމަ ފަހަރަށް އިންސާނެއްގެ ހަށިގަނޑުގައި ޓެސްޓުކޮށްފައިވަނީ އެމެރިކާއިންނެވެ.

ވޮޝިންގްޓަންގެ ސިއޭޓަލްގައި ހުންނަ ކެއިޒާ ޕާމަނަންޓޭ ރިސާޗް ފެސިލިޓީގައި 4 މީހަކަށް ވެކްސިން ޑޯޒް ދީފައިވާކަމަށް މައުލޫމާތު ލިބެއެވެ. މި އެންމެނަކީވެސް އަމިއްލަ އިހުތިޔާރުގައި މި ޓެސްޓުގައި ބައިވެރިވާ މީހުންނެވެ. މި ޑޯޒް ފުރަތަމަ ދީފައިވަނީ އުމުރުން 43 އަހަރުގެ އަންހެނަކަށެވެ. އޭނާއަކީ 2 ދަރިންގެ މަންމައެކެވެ.

ކޮވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ޖެހުމަކުން ހަށިގަނޑު ތެރެއަށް ވައިރަސް ފެތުރިގެން ނުދާނެ ކަމަށާ، މި ވެކްސިން ފަރުމާކޮށްފައިވަނީ ވައިރަހުގެ ޖެނެޓީކް ކޯޑުތައް ނަކަލު ކޮށްގެން ކަމަށް މައުލޫމާތު ލިބެއެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި މި ވެކްސިންގެ އިތުރުން ދެންވެސް އުފައްދަމުންދާ ވެކްސިންތަކުން އެދެވޭ އަސަރެއް ކުރާކަން ނުވަތަ ނޫންކަން އެނގެން އަދި މަސްތަކެއް ނަގާނެ ކަމަށެވެ.

ކޮވިޑް-19އަށް ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާއިރު، ސައިންސްވެރިން ދަނީ މި ރޮނގުން ކުރާ ދިރާސާތައް ހަލުވި ދުވެއްޔެއްގައި ފުޅާކުރަމުންނެވެ.

ކޮވިޑް-19އަށް އުފެއްދި ތަހުލީލީ ވެކްސިންއަކީ 2 ޑޯޒްއެއްގެ މައްޗަށް އެކުލެވޭ ވެކްސިންއެކެވެ. ވެކްސިން ފުރިހަމަ ކުރިކަމަށް ވާނީ 28 ދުވަހަށްފަހު 2 ވަނަ ޑޯޒް ޖެހުމުންނެވެ. މި ވެކްސިން ޖަހަނީ އަތުގެ ކޮނޑު ހުޅާ ދިމާލު މަސްގަނޑަށެވެ.

މި ވެކްސިން ކާމިޔާބުވި ކަމުގައި ވީ ނަމަވެސް، އާންމުންނާ ހަމައަށް މި ވެކްސިން ލިބޭ ވަރު ވާނީ މީގެ 18 ވަރަކަށް މަސްދުވަސް ފަހުންނެވެ.