ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ރާއްޖޭގައިވެސް ފެތުރެން ފަށާފައި ވާއިރު، ބަލިވެގެން ހޮސްޕިޓަލަށް ދާ މީހުންނަށް ހިލޭ ދަތުރުކޮށްދޭ ކެބް އެމްވީގެ ޓެކްސީ ޑްރައިވަރެއްގެ ވާހަކަ ހިއްސާކޮށްލާނަމެވެ.

އުމުރުން 37 އަހަރުގެ މުހައްމަދު އަމްޖަދަކީ ޓެކްސީ ޑްރައިވަރެއްގެ އިތުރުން ކެބްއެމްވީގެ އޮޕަރޭޓަރެކެވެ.

ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރާތާ 12 އަހަރު ވެފައިވާ އަމްޖަދު، "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ އަބަދުވެސް ހިލޭ ދަތުރު ކޮށްދޭ ކަމަށާއި ނަމަވެސް މިހާރު ރާއްޖެއަށް ދިމާވެފައި އޮތް ކޮރޯނާވައިރަސްގެ ހާލަތުގައި މަސައްކަތް ފެށީ ރައްޔިތުންނަށް އެހީ ވުމުގެ ގޮތުން ކަމަށެވެ.

އަބަދުވެސް އަޅުގަނޑު ކުރަމުން އަންނަ ކަމެއް މިއީ. މާބަނޑު މީހަކު، އުމުރުން ދުވަސްވީ މުސްކުޅިއަކު ނުވަތަ ބަލި މީހަކު އެހެން ފެނުނީމަ ވަރަށް އުނދަގޫވޭ، އެހެން ބަހައްޓާފަ ދާން.

އަމްޖަދު ބުނީ އޭނާ ކޮށްދޭ މަސައްކަތް ގަބޫލު ކުރާތީ އުފާވާ ކަމަށާއި "ޝުކުރިއްޔާ" އޭ ބުނެލުމުންވެސް ވަރަށް ހިތް ހަމަ ޖެހޭ ކަމަށެވެ. ޓެކްސީގައި ހޮސްޕިޓަލަށް ދާން ބޭނުންވާ ފަރާތްތަކުން އަމްޖަދުގެ ނަންބަރު 9199554 އަށް ގުޅުމުން އެކަން ހަމަޖެހޭނެ ކަމަށްވެސް އަމްޖަދު ބުނެއެވެ.

މިފަދަ ދަނޑިވަޅެއްގައި އާންމުންނަށް އޭނާގެ ފަރާތުން ވެވެން އޮތް އެހީތެރި ކަމަކީ ހިލޭ ދަތުރު ކޮށްދިނުން ކަމަށް ވާއިރު، އަމްޖަދު ބުނީ އެހެން ޓެކްސީ ޑްރައިވަރުންނަށް ބުނެލަން ބޭނުން ވަނީ ވެވެން އޮތް ވަރަކުން އެހީތެރިކަން ފޯރުކޮށް ދިނުމަށާއި މި ވަގުތުގެ ބޭނުން ހިފައި، ނާޖާއިޒު ފައިދާ ނުނަގާ ފަރުދީ ޒިންމާ އަދާކުރަން އަމިއްލައަށް އިސްނަގައިގެންވެސް މަސައްކަތް ކުރުން އެންމެނަށްވެސް ފައިދާ ވާނެ ކަމަށެވެ.

ޓެކްސީ ޑްރައިވަރުންނަކީ އެއް ދުވަހެއްގެ މައްޗަށް އެންމެ ގިނަ ބަޔަކާ މުއާމަލާތު ކުރެވޭނެ އެއް ބަޔަކަށް ވާއިރު، ގެސްޓުންނާއި އާންމުންގެ މީހުން ގޮވައިގެން ދަތުރު ކުރުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް އަމްޖަދު ވަނީ ފާހަގަ ކޮށްފައެވެ.

އާންމުންގެ ރައްކާތެރިކަމަށްޓަކައި ކޮންމެ ދުވަހަކު، ކަސްޓަމަރުން ކާރަށް އަރާ ފައިބާނަމަ "ސެނަޓައިޒާ ސްޕްރޭ" ބޭނުންކުރާ ކަމަށާއި މިހާރު ކާރު ސާފް ކުރުމަށްވެސް ސަނެޓައިޒާ ބޭނުންކުރާ ކަމަށް އަމްޖަދު ކިޔައިދިނެވެ. އެހެން ޑްރައިވަރުންނަށް ވެސް އެގޮތަށް އަމަލު ކުރެވިދާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން 13 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 5 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 2 ބިދޭސީއަކާއި ސަފާރީއަކުން 2 ބިދޭސީއެކެވެ. މިހާތަނަށް ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.