ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން އެންމެ ފުރަތަމަ ޕޮޒިޓިވް ވި މީހާ ފެނުނު ކުރެއްދޫން ކްލޯސް ކޮންޓެކްޓްވީ 109 މީހުންނާ ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިރޭ ދަރުބާރުގޭގައި ބެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަބްރޫކް ވިދާޅުވީ ކުރެއްދޫ ފުރައިގެން ދިޔަ ފަހުން ޕޮޒިޓިވް ކަން އެނގިފައިވާ މީހާއާ ކްލޯސް ކޮންޓެކްޓެއް ވެފައިވާ 109 ފަރާތެއްގެ ހޯދިފައިވާ ކަމަށެވެ.
މި މަހުގެ ދެވަނަ ދުވަހު އެ ފަތުރުވެރިޔާ ރާއްޖެއިން ފުރާފައިގެން އިޓަލީއަށް ދިޔަފަހުން އެމީހާ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އެ ފަތުރުވެރިޔާގެ ލޮކް ކޮށް އެ ފަތުރުވެރިޔާއާ ކޮންޓެކްޓް ވެފައިވާ މީހުންގެ ތެރެއިން ކުރެއްދޫން، މިއަދާ ހަމައަށް ވީ 14 ދުވަހުގެ ތެރޭގައި ޖުމްލަ 109 މީހުންގެ ކޮންޓެކްޓް ޓްރޭސިން ހެދިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން 13 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 5 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 2 ބިދޭސީއަކާއި ސަފާރީއަކުން 2 ބިދޭސީއެކެވެ. މިހާތަނަށް ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.