ރާއްޖޭގައި ކޮވިޑް-19 އަށް ޝައްކު ކުރެވޭ 2 ބިދޭސީއެއް އއ. މަތިވެރިން ފެނި، އެރަށް މޮނިޓާ ކުރާ ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މިހާރު އެ 2 ބިދޭސީން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގާފައިވާ ކަމަށާއި ރަށް މޮނިޓާ ކޮށް، ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހަަމއެއާއެކު ގިލިލަންކަންފުށީން ވަނީ ކޮވިޑް-19އަށް ޝައްކުވާ އަލާމާތްތައް ފެނިފައިވާ ދިވެއްސެއް ފެނި އެރަށްވެސް މިނިތާކުރުމުގެ ހާލަަތށް ގެނެސްފައެވެ. އެ ދިވެއްސަކީ މެލޭޝިއާގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ވަޒީފާއަށް ނުކުތް ފަރާތެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިހާތަނަށް ކޮވިޑް-19އަށް 13 މީހަކު ރާއްޖެއިން ވަނީ ޕޮޒިޓިވް ވެފައެވެ. މި ބައްޔަށް 8 ގެސްޓަކު ޕޮޒިޓިވް ވެފައިވާ އިރު އެމީހުން ރާއްޖެއަށް އައި އިރުވެސް އެ ވައިރަސް ހަށިގަނޑުގައި ހުރިކަމަށް ބެލެވޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ދެން ޕޮޒިޓިވްވި 5 މީހުންނަކީ ކުރެއްދޫއަށް ޗުއްޓީ ހޭދަކުރަން އައި އިޓަލީ މީހާގެ ގައިން މި ބަލި ޖެހިފައި ތިބި މީހުންނެވެ. ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 6 ފިިރިހެނުންނާއި 7 އަންހެނުންނެވެ.

ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އިޓަލީގެ 9 ފަތުރުވެރިއަކާއި، ތުރުކީގެ ފަތުރުވެރިއަކާއި، ސައުތް އެފްރިކާގެ ފަތުރުވެރިއެއްގެ އިތުރުން ޖަރުމަނުގެ ފަތުރުވެރިއަކާއި އިންގްލޭންޑް ފަތުރުވެރިއެކެވެ. އެނެމް ފަހުން މި ބައްޔަށް ޓެސްޓު ކުރި ދެ ދިވެހިންގެ ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ. އެއީ ސްޕެއިނުން އައި ދިވެއްސަކާއި، ހުޅުމާލެއިން ކަރަންޓީން ކުރި ދިވެހި މީހާގެ ނަތީޖާއެވެ.