ގިލި ލަންކަންފުށި ރިސޯޓުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ ދިވެއްސަކު ފެނިގެން ޓެސްޓުކުރުމުގެ މަސައްކަތް ކުރިއަށް އެބަދެއެެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން، ގިލިލަންކަންފުށިން ޝައްކު ކުރެވޭ ދިވެއްސަކު ފެނިގެން އޭނާ ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ވަގުތީ ގޮތުން، އެ ރިސޯޓް މޮނިޓަރިންގެ ހާލަތަށް ގެންގޮސް، އަރާފޭބުން ހުއްޓުވާފައިވާ ކަމަށް އެޗްޕީއޭން ބުނެއެވެ.

އެޗްޕީއޭން މިހެން ބުނެފައިވާއިރު، ހުޅުމާލެއިން ފަރުކޮޅުފުއްޓަށް ގެންގޮސް އެކަހެރި ކުރި ދިވެހި މީހާގެ ޓެސްޓުގެ ނަތީޖާ ވަނީ ކޮވިޑް-19 އަށް "ނެގެޓިވް" ވެފައި ކަމަށް އެ އެޖެންސީން ވަނީ ދާދި ދެންމެ ބުނެފައެވެ. އަދި މި ދިވެހި މީހާ ވަނީ އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުން "ޕޮޒިޓިވް" ވި ބިދޭސީ މީހާގެ "ކްލޯސް ކޮންޓެކްޓް" އެއްގެ ގޮތުގައި ފާހަގަކުރެވިގެން، ޓެސްޓްތައް ހަދައި މޮނިޓާ ކުރުމަށް އެކަހެރި ކުރެވިފައި ކަމަށް އެޗްޕީއޭން ބުނެއެވެ.

މިހާތަނަށް ކޮވިޑް-19އަށް 13 މީހަކު ރާއްޖެއިން ވަނީ ޕޮޒިޓިވް ވެފައެވެ. މި ބައްޔަށް 8 ގެސްޓަކު ޕޮޒިޓިވް ވެފައިވާ އިރު އެމީހުން ރާއްޖެއަށް އައި އިރުވެސް އެ ވައިރަސް ހަށިގަނޑުގައި ހުރިކަމަށް ބެލެވޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ދެން ޕޮޒިޓިވްވި 5 މީހުންނަކީ ކުރެއްދޫއަށް ޗުއްޓީ ހޭދަކުރަން އައި އިޓަލީ މީހާގެ ގައިން މި ބަލި ޖެހިފައި ތިބި މީހުންނެވެ. ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 6 ފިިރިހެނުންނާއި 7 އަންހެނުންނެވެ.

ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އިޓަލީގެ 9 ފަތުރުވެރިއަކާއި، ތުރުކީގެ ފަތުރުވެރިއަކާއި، ސައުތް އެފްރިކާގެ ފަތުރުވެރިއެއްގެ އިތުރުން ޖަރުމަނުގެ ފަތުރުވެރިއަކާއި އިންގްލޭންޑް ފަތުރުވެރިއެކެވެ.