ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށާއި ގެސްޓްހައުސްތަކަށް ކުރިމަތިވާ އުނދަގޫތަކަށް ލުޔެއް ދިނުމުގެ ގޮތުން ދިރާގުން ހާއްސަ ޑިސްކައުންޓްތަކެއް ދޭން ނިންމައިފިއެވެ.

ދިރާގުން ބުނީ ކޮވިޑް-19ގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުޔެއް ދިނުމަށް އެ ފަރާތްތަކަށް ހާއްސަ ޑިސްކައުންޓެއް ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން ބިޒްނަސް ފިކްސްޑް ބްރޯޑްބޭންޑްގެ ޕެކޭޖުތަކުގެ މަހުފީ އިން 25 ޕަސެންޓް ޑިސްކައުންޓެއް މާޗު އަދި އެޕްރިލް މަހު ދޭން ނިންމާފައިވާ ކަމަށާއި ގެސްޓް ހައުސް އިންޓަނެޓް ޕެކޭޖްތަކުގެ މަހުފީއިން ވެސް 25 ޕަސެންޓް ޑިސްކައުންޓް ދޭން ނިންމާފައިވާ ކަމަށް ދިރާގުން ބުނެއެވެ.

ކޮރޯނާއާ ގުޅިގެން ދިރާގުން އެ ކުންފުނީގެ ރެސިޑެންޝަލް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 30 ޕަސެންޓް އިތުރު ޑޭޓާ ދީފައިވާއިރު، ދިރާގުން ވަނީ މޮބައިލް ހިދުމަތާއި އަދި އިތުރު ކަސްޓަމާ ސެގްމެންޓްތަކަށްވެސް ލުއި ފަސޭހަތަކެއް ފޯރުކޮށްދޭންވެސް ނިންމައިފައެވެ.

ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ގައުމަށް ކުރިމަތިވާ މިފަދަ ދަނޑިވަޅުތަކުގައި ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށާ މުޖުތަމައަށް ލުއިފަސޭހަަތައް ފޯރުކޮށްދިނުމަށް ކަމަށެވެ.