ސައްހަ ނޫން މައުލޫމާތު ފަތުރާ ބްރޯޑްކާސްޓަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފިއެވެ.

ބްރޯޑްކޮމްއިން މިއަދު ނެރުނު އެޑްވައިޒަރީއެއްގައި ބުނީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ މިދަނޑިވަޅުގައި، އާންމުންގެ މެދުގައި ހާސްކަމާއި ނުތަނަވަސްކަން އުފެދޭ ގޮތަށް ސާބިތު ނުހިފޭ މައުލޫމާތު ގެނެސްދިނުމުން އެއްކިބާވުމަށާއި، އެކަމާ ގުޅޭ އެންމެހާ ކޮންޓެންޓް ގެނެސްދިނުމުގައި ޒިންމާދާރު ނޫސްވެރިކަން ކުރިއަށް ނެރުމަށް ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރާ ކަމަށެވެ.

މީގެއިތުރުން، ކޮވިޑް-19 އާއި ބެހޭ ގޮތުން މައުލޫމާތު ގެނެސްދިނުމުގައި ސަމާލުކަން ދިނުމަށް ބްރޯޑްކޮމްއިން އެދިފައިވާ ތިން ކަމެއް ވަނީ ފާހަގަ ކޮށްފައެވެ.

  1. ބްރޯޑްކާސްޓަރުން ގެނެސްދޭ މައުލޫމާތަކީ ކަމާ ބެހޭ އިދާރާތަކުން މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް ފަހު ގެނެސްދޭ މައުލޫމާތަކަށްވުން.
  2. މައުލޫމާތު ގެނެސްދިނުމުގައި ސިއްހީ ދާއިރާގެ މާހިރުންނާއި ފަންނީ ބޭފުޅުންގެ ބައިވެރިވުމާއި ލަފާގެ މަތިން ގެނެސްދިނުން.
  3. ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ކޮވިޑް-19 އާއި ގުޅޭ މައުލޫމާތު ނުފެތުރުން.

ބްރޯޑްކާސްޓަރުން ގެނެސްދޭ ކޮވިޑް-19 ގެ ހަބަރާއި މައުލޫމާތު އެ ކޮމިޝަނުން ވަރަށް ގާތުން މޮނިޓަރކުރަމުން ގެންދާނެކަމާއި ގާނޫނާއި ގަވާއިދުގެ އިމުން ބޭރުން ކޮންޓެންޓް ގެނެސްދޭ ބްރޯޑްކާސްޓަރުންނާމެދު ފިޔަވަޅު އަޅާނެ ކަމަށްވެސް އެ އެޑްވައިޒަރީގައި ބުނެފައިވެއެވެ. އޭގެ އިތުރުން، ކޮވިޑް-19 ގެ މައުލޫމާތުތައް ވީހާވެސް އަވަހަށް، ފަސޭހަކަމާއި ހަމަހަމަކަމާއެކު ހުރިހާ ބްރޯޑްކާސްޓަރުންނަށް ފޯރުކޮށްދިނުމަށް ކަމާ ބެހޭ އިދާރާތަކަށް އިލްތިމާސްކުރާ ކަމަށްވެސް އެ އެޑްވައިޒަރީގައިވެއެވެ.

ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން 13 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 5 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 2 ބިދޭސީއަކާއި ސަފާރީއަކުން 2 ބިދޭސީއެކެވެ. މިހާތަނަށް ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.