ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހަކު ހުޅުމާލޭގައި ހުރި "ރެޑްވޭވް މޯލް" ފިހާރައަށް ދިޔަކަން އެނގިފައި ނުވާ ކަމަށް ރެޑްވޭވުން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ރެޑްވޭވްގެ މެނޭޖަރު އަލީ ޝަހީމް ވިދާޅުވީ، ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހާ އެ ފިހާރައަށް ވަންކަން އެނގިފައި ނުވާ ކަމަށެވެ. މީޑިއާތަކުން އެކަން ފާހަގަކުރެވުމުން މިހާރު ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު މި ބަލީގެ އަލާމާތްތައް ހުންނަ ފަރާތްތަކުން އެޗްޕީއޭއިން އަންގާ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށްވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.

ހުޅުމާލޭގައި ހުރި ދިވެއްސަކު ކަރަންޓީން ކޮށްފައި ވަނީ އިއްޔެއެވެ. އޭނާއަކީ އަނަންތަރާ ދިގުރަށުން ޕޮޒިޓިވް ވި ފަތުރުވެރިއަކާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ފަރާތެކެވެ. ކޮވިޑް-19 އަށް ޝައްކުކުރެވޭ ކަމަށް އެޗްޕީއޭއިން ބުނެފައި ވަނީ އެ ބަލީގެ އަލާމާތްތައް ފެންނަން ހުރުމުންނެވެ.

ރެޑްވޭވް މޯލްއަކީ ހުޅުމާލޭގައި ދިރިއުޅޭ ގިނަ މީހުން ބާޒާރުކުރަން ގޮސް އުޅޭ ފިހާރައެކެވެ. އެ ފިހާރައަކީ ގެއަށް ބޭނުންވާ އެތައް ސާމާނަކާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ހުރިހާ ސާމާނެއް ލިބެން ހުންނަ ބޮޑު ފިހާރައެކެވެ. މިހާރު އެ ފިހާރަ ވަނީ ވިޔަފާރި ކުރަން ދިއުމަށް ރައްކާތެރި ހާލަތަށް ގެނެވިފައި ކަމުން ކުރިއެކޭވެސް އެއްގޮތަށް ފިހާރައިން ވިޔަފާރި ކުރެވޭނެ ކަމަށް ރެޑްވޭވުން ބުނެއެވެ.

މިބަލީގެ އަލާމަތްތައް ފެންނަކަމަށް ވާނަމަ ލަސްނުކޮށް 1676 އަށް ގުޅައިގެން މައުލޫމާތު ސާފު ކުރެވޭނެއެވެ. ހަމައެއާއެކު އެޗްޕީއޭގެ އިރުޝާދާއި ލަފާގެ މަތިން ކޮންމެ ފަރުދަކުވެސް ކަންކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.