ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ވަޒީފާބެހޭ ޓްރައިބިއުނަލްގެ ރައީސްކަމަށް، އަދި މެންބަރުކަމަށް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމާއި ރައީސްކަމަށް ރައީސް ސޯލިހް މިއަދު އައްޔަން ކުރެއްވީ، ގއ. މާމެންދޫ އަލިވާގެ، އަމްޖަދު މުސްތަފާ އަދި ޓްރައިބިއުނަލުގެ މެންބަރުކަމަށް މ. ހާދޫ، ހަސަން އިބްރާހީމްއެވެ.

މި ދެބޭފުޅުން މަގާމަށް އައްޔަން ކުރެއްވީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް ސޯލިހް ވަނީ ދެ ބޭފުޅުންނާ ހަވާލުކުރައްވާފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ވަޒީފާބެހޭ ޓްރައިބިއުނަލްގެ ރައީސްކަމަށް، އަދި މެންބަރުކަމަށް ބޭފުޅަކު އައްޔަން ކުރައްވައިފި / ފޮޓޯ: ރައީސް އޮފީސް

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަމާއި މެންބަރުކަމަށް، އައްޔަނު ކުރެއްވި އައަމްޖަދު މުސްތަފާ ކުރިން ވަނީ އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސްކަމާއި އެމްޓީޑީސީގެ ބޯޑު ޑިރެކްޓަރުކަން ވެސް ކުރައްވާފައެވެ. އޭނާ ވަނީ ލަންކާގައި ހުންނަ އެންގްލިއާ ރަސްކިން ޔުނިވާސިޓީން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކުރައްވާފައެވެ. އަދި އޭނާ ވަނީ މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ވެސް ހާސިލްކުރައްވާފައެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް، އައްޔަނު ކުރެއްވި މ. ހާދޫ، ހަސަން އިބްރާހީމް ކުރިން ވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ، ބިޒްނަސް ސްކޫލުގެ ހެޑްއޮފް ޑިޕާޓްމަންޓްކަމާއި އެމްބީއޭ ކޯސް ކޯޑިނޭޓަރުކަމާއި ލެކްޗަރާކަން ކުރައްވާފައެވެ. އަދި އޭނާ ވަނީ ވިޒިޓިން ލެކްޗަރާއެއްގެ ގޮތުގައި މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީއާ ވިލާ ކޮލެޖުގައި ހަރަކާތްތެރިވެ ވަޑައިގެންފައެވެ. ހަސަން، އޮސްޓްރޭލިއަން ނެޝަނަލް ޔުނިވާސީޓީން މާސްޓާ އޮފް ބިޒްނަސް ހާސިލުކުރައްވާފައިވާއިރު، މޯލްޑިވްސް އިސްލާމިކް ޔުނިވާސީޓީން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ވެސް އޭނާ ވަނީ ހާސިލްކުރައްވާފައެވެ.