ކޮވިޑް-19އާ ގުޅިގެން ދީނީ ނަސޭހަތް ދިނުން ހުއްޓާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދުނިޔޭގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުން ދިއުމާ ގުޅިގެން ސަލާމަތީ ފިޔަވަޅެއްގެ ގޮތުން މިއަދުން ފެށިގެން މިސްކިތްތަކުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމުތައް ވގުތީ ގޮތުން ހުއްޓާލުމަށް އަންގާފައެވެ.

އިސްލަމިކް މިނިސްޓްރީން ވަނީ މިވަގުތު މިސްކިތްތަކާއި އާންމު ތަންތަނުގައި ދަރުސް ދިނނުމުގެ ހުއްސަ ދީފައިވާ ހުރިހާ ފަރާތްތަކުން ވެސް އެ މިިނިސްޓްރީން އަންގަންދެން ދަރުސް ދިނުމުގެ ޕްރޮގްރާމްތައް ހުއްޓާލުމަށް އަންގާފައެވެ.

މީގެ އިތުރުން އާންމުން އެއްވެ އުޅޭ ތަންތަނުގައި ދަރުސް ދިނުމުގެ ބަދަލުގައި މި ދަނޑިވަޅުގައި މާލެއާއި އަތޮޅުތެރެގައި ތިބި ދީނީ އިލްމުވެރިން މެދުވެރިިކޮށް މީޑިއާގެ ވަސީލަތްތަކިން އާންމުންނަށް ދީނީ ނަސޭހަތް ފޯރުކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސޮކޮށްފައެވެ.

ކޮވިޑް-19 ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު، މިހާތަނަށް ކޮވިޑް-19އަށް 13 މީހަކު ރާއްޖެއިން ވަނީ ޕޮޒިޓިވް ވެފައެވެ. މި ބައްޔަށް 8 ގެސްޓަކު ޕޮޒިޓިވް ވެފައިވާ އިރު އެމީހުން ރާއްޖެއަށް އައި އިރުވެސް އެ ވައިރަސް ހަށިގަނޑުގައި ހުރިކަމަށް ބެލެވޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ދެން ޕޮޒިޓިވްވި 5 މީހުންނަކީ ކުރެއްދޫއަށް ޗުއްޓީ ހޭދަކުރަން އައި އިޓަލީ މީހާގެ ގައިން މި ބަލި ޖެހިފައި ތިބި މީހުންނެވެ.