ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ރާއްޖެގައިވެސް ފެތުރެން ފަށަފައި ވާ މި ދަނޑިވަޅުގައި، ޓޫރިސްޓުންނަށް ދަތުރު ކުރެވޭނީ އެ އަންނަ ރިސޯޓަކަށް އެކަނި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

މިއަދު ދަރުބާރުގޭގައި ކުރިއަށްދިޔަ ޕްރެސް ކޮންފަރެންސްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ރާއްޖެއައިސް މާލެއިން ރަށަކަށް ދަތުރުކުރާ އެއްވެސް ފެރީއެއްގައި ޓޫރިސްޓަކަށް ދަތުރު ނުކުރެވޭނެ ކަމަށެވެ.

ރާއްޖެ އަންނަ ފަތުރުވެރިން އެއާޕޯޓުން ސްކްރީން ކުރުމަށްފަހު "ޑައިރެކްޓް"ކޮށް ގެންދެވޭނީ އެ ރިސޯޓަށް ކަމަށާއި އެ ރިސޯޓެއްގައި ހުރެ އޭނަގެ ފަރާތުން ކޮވިޑް-19 ގެ އަލާމާތެއް ފެނޭތޯ ބަލާނެ ކަމަށެވެ. އަދި ޝައްކުވާ އަލާމާތެއް ފެނިގެން ރިޕޯޓު ކުރުމުން އެ ފަތުރުވެރިޔާ އެ ރިސޯޓެއްގައި އެކަހެރިކޮށް ސާމްޕަލް ނަގާ ކޮންޓެކްޓް ޓްރޭސިން ކުރަމުން ދާނެ ކަމަށެވެ. އެކަމަށް (އެސްއޯޕީ) ތަކެއް ހެދިފައިވާނެ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް-19އާ ގުޅިގެން މިއަދާ ހަމައަށް އައި އިރު ރާއްޖެއަށް މީހުން އައުން މަޑުޖައްސާލާފައި ވަނީ ޗައިނާ، ބަންގްލަދޭޝް، އީރާން، އިޓަލީ، ސްޕޭންގެ އިތުރުން ސައުތް ކޮރެއާގެ ދެ ސަރަހައްދަކާއި، ޖަރުމަނުގެ ތިން ސަރަހައްދަކާއި، ފްރާންސްގެ ދެ ސަރަަހައްދަކުންނެވެ.

ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން 13 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 5 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 2 ބިދޭސީއަކާއި ސަފާރީއަކުން 2 ބިދޭސީއެކެވެ. މިހާތަނަށް ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.