ކޮވިޑް-19އާ ގުޅިގެން ހެލްތް މިނިސްޓްރީން އެކުލަވާލާފައިވާ، ހޮޓްލައިން ނަންބަރަށް އެންމެ ގިނައިން މީހުން ގުޅީ ފޭތުވެދިޔަ 24 ގަޑިއިރެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން އެކުލަވާލާފައިވާ ހޮޓްލައިން ނަންބަރު 1676 އަށް އެންމެ ގިނައިން މީހުން ގުޅާފައި ވަނީ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކަމަށެވެ.

އެގޮތުން ޖުމްލަ 6631 ފޯނު މިހާތަނަށް އެ ހޮޓްލައިނަށް ކޮށްފައި ވާއިރު، އޭގެ ތެރެއިން 976 ފޯނު ކޯލަކީ، ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ކޮށްފައިވާ ފޯނުކޯލު ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް މިހެން ވިދާޅުވެފައިވާއިރު، މިމަހު 9 ވަނަ ދުވަހުގެ ނިޔަލަށް އެ ކޯލް ސެންޓަރަށް ލިބިފައި ވަނީ 2233 ކޯލެވެ. އެ ދުވަހުގެ ނިޔަލަށް އެންމެ ގިނައިން މީހުން ގުޅާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަން ދުވަހު ކަމަށް ހެލެތް މިނިސްޓްރީން ވަނީ މައުލޫމާތުދީފައެވެ. އަދި އެ ދުވަހު ކޯލް ސެންޓަރަށް ވަނީ 700 އަށް ވުރެ ގިނަ ފަރާތުން ގުޅާ، މައުލޫމާތު ސާފުކޮށްފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި، 976 މީހުން ކޯލް ސެންޓަރަށް ގުޅާ މައުލޫމާތު ސާފުކޮށްފައިވާއިރު، މާލެ ލޮކްޑައުން ކުރަން އުޅޭ ކަމުގެ ވާހަކަތައް ވެސް ދަނީ އާންމުންގެ ތެރޭގައި ދެކެވެމުންނެވެ. އެގޮތުން ސްޕޭނުން ރާއްޖެ އައި ދިވެއްސަކާއި، އަނަންތަރާ ދިގުރަށް މޯލްޑިވްސް އިން ޕޮޒިޓިވްވި ފަތުރުވެރިންނާއި ކޮންޓެކްޓްވި ދިވެއްސަކު ކަރަންޓީނު ކުރުމާ ގުޅިގެން ވެސް އާންމުންގެ މެދުގައި ވަނީ ކަންބޮޑުވުންތައް އުފެދިފައެވެ.

ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން 13 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 5 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 2 ބިދޭސީއަކާއި ސަފާރީއަކުން 2 ބިދޭސީއެކެވެ. މިހާތަނަށް ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.