ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ ޕޯޓުތަކަށް ވަނުމުގެ ހުއްދަ ނުދީ 57 ފަރާތެއް ފޮނުވާލި ކަމަށް ބުނެފިއެވެ.

ކޮވިޑް19 އާ ގުޅޭ އެންމެ ފަހުގެ މަައުލޫމާތު ހިއްސާކުރުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް19 އާ ގުޅިގެން މައުލޫމާތު ދިނުމަށް ހާއްސަކޮށްފައިވާ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރާއްޖޭގެ ޕޯޓުތަކުން މިހާތަނަށް 236284 މީހުން ސްކްރީން ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން، މިދިޔަ މަހު ރާއްޖެއަށް އައި މީހުންގެ ތެރެއިން ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނުދީ ފުރުވާލައިފައި ވަނީ 37 ފަރާތެއް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މި ދުވަސްވަރަކީ ކޮވިޑް-19 ހަލުވިކަމާއެކު ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ދުވަސްވަރެއް ކަމުން ރާއްޖެއިން ބޭރަށް ކޮންމެހެން ދާން ޖެހިއްޖެ ހާލަތެއްގައި މެނުވީ ދަތުރު ނުކުރުމަށް ސަރުކާރުން ވަނީ އަންގާފައެވެ.

މިއަދާ ހަމައަށް އައި އިރު ރާއްޖެއަށް މީހުން އައުން މަޑުޖައްސާލާފައި ވަނީ ޗައިނާ، ބަންގްލަދޭޝް، އީރާން، އިޓަލީ، ސްޕޭންގެ އިތުރުން ސައުތް ކޮރެއާގެ ދެ ސަރަހައްދަކާއި، ޖަރުމަނުގެ ތިން ސަރަހައްދަކާއި، ފްރާންސްގެ ދެ ސަރަަހައްދަކުންނެވެ.

ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން 13 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 5 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 2 ބިދޭސީއަކާއި ސަފާރީއަކުން 2 ބިދޭސީއެކެވެ. މިހާތަނަށް ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.