ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތް ފެނިގެން ކަރަންޓީންކޮށް ސާމްޕަލް ނެގި ދިވެހި މީހާގެ ނަތީޖާ ނެގެޓިވް ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ހުޅުމާލެއިން ފަރުކޮޅުފުއްޓަށް ގެންގޮސް އެކަހެރި ކުރި ދިވެހި މީހާގެ ޓެސްޓުގެ ނަތީޖާ ވަނީ ކޮވިޑް-19 އަށް "ނެގެޓިވް" ވެފައި ކަމަށެވެ. އަދި މި ދިވެހި މީހާ ވަނީ އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުން "ޕޮޒިޓިވް" ވި ބިދޭސީ މީހާގެ "ކްލޯސް ކޮންޓެކްޓް" އެއްގެ ގޮތުގައި ފާހަގަކުރެވިގެން، ޓެސްޓްތައް ހަދައި މޮނިޓާ ކުރުމަށް އެކަހެރި ކުރެވިފައި ކަމަށް އެޗްޕީއޭން ބުނެއެވެ.

އޭނާއަކީ ހުޅުމާލެއިން ކަރަންޓިން ކުރި އަނަންތަރާ ދިގުރަށުގެ މުވައްޒަފެވެ.

މީގެ ކުރިން އަނަންތަރާ ދިގުރަށަށް ޗުއްޓީ ހޭދަކުރަން އައި ދެމަފިރިންގެ ގައިން ވަނީ މި ބަލީގެ އަލާމަތްފެނި މި ބައްޔަށް ޕޮޒިޓިވްވެފައެވެ. ޖުމްލަ 13 މީހުން މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވް ވެފައިވާއިރު އަނަންތަރާ ދިގުރަށުން ވަނީ 2 ފަތުރުވެރިން ޕޮޒިޓިވްވެފައެވެ. އަދި މިހާތަނަށް މި ބައްޔަށް ދިވެއްސަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.

މިހާތަނަށް ކޮވިޑް-19އަށް 13 މީހަކު ރާއްޖެއިން ވަނީ ޕޮޒިޓިވް ވެފައެވެ. މި ބައްޔަށް 8 ގެސްޓަކު ޕޮޒިޓިވް ވެފައިވާ އިރު އެމީހުން ރާއްޖެއަށް އައި އިރުވެސް އެ ވައިރަސް ހަށިގަނޑުގައި ހުރިކަމަށް ބެލެވޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ދެން ޕޮޒިޓިވްވި 5 މީހުންނަކީ ކުރެއްދޫއަށް ޗުއްޓީ ހޭދަކުރަން އައި އިޓަލީ މީހާގެ ގައިން މި ބަލި ޖެހިފައި ތިބި މީހުންނެވެ. ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 6 ފިިރިހެނުންނާއި 7 އަންހެނުންނެވެ.

ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އިޓަލީގެ 9 ފަތުރުވެރިއަކާއި، ތުރުކީގެ ފަތުރުވެރިއަކާއި، ސައުތް އެފްރިކާގެ ފަތުރުވެރިއެއްގެ އިތުރުން ޖަރުމަނުގެ ފަތުރުވެރިއަކާއި އިންގްލޭންޑް ފަތުރުވެރިއެކެވެ.